ގެއްލިގެން ހޯދި ބޯޓު އަޑިއަށް، ފަޅުވެރިން ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުން ދިޔަ ބޯޓުގައި ތިބި މީހުން އެމްއެންޑީއެފްއިން މިހާރު ވަނީ ސަލާމަތްކޮށްފަ -- ފޮޓޯ/ އެމްއެންޑީއެފް

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މުދާ އުފުލާ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މ. ސަވާރީ ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް އެންމެ ފަހުންވީ މިއަދު ހެނދުނު 9:07ގައި ކަމަށް އެމްއެންޑީއެފްއިން ވަނީ ކުރިން ބުނެފައެވެ.

އެމްއެންޑީއެފްއިން ދެންމެ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ ބޯޓު ހޯދުމަށް ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން ބޯޓުން ދަތުރުކުރި ހަ މީހުން ވަނީ ސަލާމަތްކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އެ މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓަށް ކަމަށެވެ. އެ ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.

އެމްއެންޑީއެފްއިން މ. ސަވާރީގެ ފަޅުވެރިން ހޯދި ސަރަހައްދު -- ފޮޓޯ/ އެމްއެންޑީއެފް

ނަމަވެސް އެ ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ މެޓު އޮފީހުންވަނީ ސަމާލުވުމަށް އަންގައިފައެވެ. އެގޮތުން ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އަދި ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލުވަނީ ނެރެފައެވެ.

މެޓުން ބުނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ. އަދި 45 މޭލަށް ވައިބާރުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

comment ކޮމެންޓް