ރ.އިނގުރައިދޫ ފަޅުތެރެއަށް ވަންނަން އައި ސަފާރީއެއްގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ނެއްޓުމަށް ފޭބި މީހަކު ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ މިއަދު ހަވީރު 05:45 ހާއިރެވެ. ހާދިސާ ހިނގުމާ އެކު އޭނާ ވަނީ އިނގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައެވެ.
އެ ރަށުު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ އަބްދުﷲ ހުސައިން ވަނީ އޭނާގެ މަރު ޔަގީންކޮށްފައެވެ.
ރ. ރަަސްގެތީމު ކައުންސިލުން "ސަން"އަށް ޔަގީންކޮށްދޭ ގޮތުގައި މި ހާދިސާގައި މަރުވީ އެ ރަށަށް ނިސްބަތްވާ ފިރިހެނެކެވެ. މި ހާދިސާގައި ނިޔާވީ ރަސްގެތީމު ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމެވެ.
މި ހާދިސާއާ އެކު އޭނާގެ އާއިލާ މީހުންނާއި އެ ރަށު ކައުންސިލުގެ އޮފިޝަލުން ވެސް އިނގުރައިދޫއަށް މިހާރު ވަނީ ގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އިބްރާހިމް ވާގަނޑު ނިއުޅުވައިލުމަށް އަޑިއަށްދިޔަ އިރު ސަފާރީ ފަހަތަށް ޖައްސާތީ ބުރަފަތި އައީ އެނބުރެމުންނެވެ.