މިދިޔަ މަހުގެ ހޫނުމިން 45.5 ޑިގްރީއަށް

ބ. ތުޅާދޫ ގައި ދުވަސްވީ މީހަކު ބައިސްކަލުގައި ދާއިރު އަންހެނަކު ހޫނުން ސަލާމަތްވުމަށް ކުޑަ ހިފައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު އިހުސާސުކުރެވޭ ފިނިހޫނުމިން އެންމެ މަތިވި މިންވަރަކީ، 45.5 ޑިގްރީ ސެލްސިއަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށް ވާއިރު، އޭޕްރިލް މަހަކީ އަހަރު ތެރޭގައި، ރާއްޖެއަށް އެންމެ ހޫނު ގަދަ މަހެވެ. އަދި މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށް މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.

މެޓުން މިއަދު ވަނީ މިދިޔަ މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުސާސު ކުރެވޭ ފިނިހޫނުމިން ހުރި މިންވަރު ހާމަކޮށްފައެވެ.

އެގޮތުން މިދިޔަ މަހު ފިނިހޫނުމިން އެންމެ މަތިވެފައި ވަނީ މާލެ ސަރަހައްދަށެވެ. ދެން އެންމެ ހޫނުވީ ގދ. ކާޑެއްދޫ އާއި ސ. ގަމަށެވެ. އެއީ 43.4 ޑިގްރީ ސެލްސިއަސްއެވެ. އަދި ހދ. ހަނިމާދޫ އާއި ލ. ކައްދޫގައި ފިނިހޫނުމިން ހުރީ 45.0 ޑިގްރީ ސެލްސިއަސްގައެވެ.

މެޓުން ވަނީ މިދިޔަ އޭޕްރިލް މަހުގައި ހޫނު މިން އިތުރުވާތީ، ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ މޫސުން ހުންނަ ގޮތުން އާންމުކޮށް އެންމެ ހޫނު ގަދަވާ ދެ މައްސަރަކީ މާޗު މަހާއި އޭޕްރީލް މަހެވެ.

comment ކޮމެންޓް