ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ މިއަދު ހަވާލުކޮޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަޙްމަދުﷲ ޖަމީލެވެ. އަދި ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަލީއެވެ.
މިއީ ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ދޭ ދެ މިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތަށް ހޭދަވަނީ 2.1 މިލިއަން ރުފިޔާއެވެ.
ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ދެ މިލިއަން ރުފިޔާގެ އިތުރުން ހޭދަވާ ޚަރަދު ކުރަން ހަމަޖެހިފައިވަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.
މި އެއްބަސްވުމުގެ ދަށުން ގައުމީ ދާރުލްއާސާރުގެ ޝޯކޭސްތައް ތައްޔާރުކުރުމާއި މަލްޓިމީޑިއާ ރޫމް ސެޓްއަޕް ކުރުމާއި މިއުޒިއަމް ޑިސްޕްލޭ އޭރިއާ ތަކުގައި ފްލޯ ރަނާ އެޅުމާއި ފާރުގައި ކުލަލުން ހިމެނެއެވެ. މި މަޝްރޫޢުގައި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ 19 ޝޯކޭސްއަކީ ޒަމާނީ ފެންވަރުގެ، ބައިނަލްއަގުވާމީ އެކިއެކި މިއުޒިއަމްތަކުގައިވެސް ހުންނަ ފަދަ ޝޯކޭސްތަކެކެވެ.
މި މަޝްރޫޢުގެ ދަށުން ދާރުލްއާސާރުގައި އަލަށް ގާއިމްކުރާ މަލްޓިމީޑިއާ ރޫމްއަކީ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީޚާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ގާއިމްކުރާ މަލްޓިމީޑިއާ ރޫމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.