އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ލޯނަށް ހުށަހަޅާ އެސްޑީއެފްސީގެ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މިދިޔަ 2020ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަސްޓަމާ ސާވިސް ޕޯޓަލް ލޯންޗް ކުރުމާ އެކު މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ދިވެހިރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެސްޑީއެފްސީ ވެގެންދިޔުމާ އެކު، 2023ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އެ ކޯޕަރޭޝަނުން 1387 ލޯނު (1.67 ބިލިއަން ރުފިޔާ) އެޕްރޫވް ކޮށްފައިވެއެވެ.
މިއަދު އާ ޕޯޓަލް ލޯންޗް ކުރުމާ އެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާވިޔަފާރި، ވިޔަފާރި ތަރައްޤީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅޭނެއެވެ.

އެސްޑީއެފްސީ ޕޯޓްފޯލިއޯ
އެ ކޯޕަރޭޝަނުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، އަޕްގްރޭޑްކޮށްފައިވާ އެސްއެމްއީ ޕޯޓަލްއިން މިހާރު ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން، ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ބެލުމާއި، ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ލޯނާ ގުޅޭގޮތުން އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެއެވެ.
މިގޮތުން އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، މަޢުލޫމާތު ސާފުކުރުމާއި، އެއް ތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ކަސްޓަމަރުންގެ މަޢުލޫމާތު ބެލެހެއްޓޭނެއެވެ. މީގެ އިތުރުން އެ ކަސްޓަމަރަކު ހިޔާރުކުރައްވަން އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއް ވެސް ޤާއިމްކޮށް، ޕޯޓަލްގެ ނެވިގޭޝަން ފަސޭހަކުރުމަށް 'ސާޗް' ފީޗާ ތަޢާރަފު ކޮށްފައިވެއެވެ.
ލޯނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު 1613 އިން އަދި އެ ކޯޕަރޭޝާންގެ ވެބްސައިޓުން ލިބޭނެއެވެ.