ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީއަށް ދިއުމުން މެސީއަށް ސަސްޕެންޝަނެއް

ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއާއަށް ދިއުމުން، އެކްލަބުން އާޖެންޓީނާ ތަރި ލިއޮނެލް މެސީ ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ.

ހަބަރުތައް ބުނާ ގޮތުގައި މެސީ އާއިލާއާއެކު ސައުދީއަށް ދިޔައީ ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ އާއި ފުޓްބޯލް އެޑްވައިޒަރު ލުއިސް ކެމްޕޯސްގެ ހުއްދަ ނުހޯދައެވެ. އޭގެ ބަދަލުގައި އޭނާ ހުއްދަ ހޯދީ ޕީއެސްޖީގެ ބޯޑުންނެވެ.

ހުއްދަ ހޯދަން ޖެހޭ އުސޫލުގެ ދަށުން ހުއްދަ ހޯދާފައިނުވާތީ، ޕީއެސްޖީން ވަނީ މެސީ ދެ ހަފްތާއަށް ސަސްޕެންޑުކޮށްފައެވެ. އެއާއެކު މެސީއަށް ޕީއެސްޖީން ފްރާންސް ލީގުގައި ޓްރޯޔެސް އާއި އަޖަކްސިއޯއާ ދެކޮޅަށް ކުޅޭ މެޗުތައް ގެއްލޭނެއެވެ.

މިސީޒަނަށްފަހު ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަ އިރު، ދެ މެޗަށް ސަސްޕެންޑްކުރުމާ ގުޅިގެން ދެން އޭނާ ކުޅެން އޮންނާނީ ތިން މެޗެކެވެ.

ސައުދީއަށް ކުރި ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް މެސީ ވަނީ އޭނާގެ އިންސްޓަގްރާމުގައި ވެސް ޕޯސްޓުކޮށްފައެވެ. އެ ޕޯސްޓަކީ ސައުދީގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އެގައުމުން ސްޕޮންސާކޮށްގެން އޭނާ ކުރި ޕޯސްޓެކެވެ. ސައުދީގެ ޓުއަރިސްޓް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ މެސީގެ އެ ޕޯސްޓުގައި ހިމެނޭ ފޮޓޯ އިން ދައުކުވައިދެނީ އެގައުމުގެ ފެހިކަމެވެ.

View this post on Instagram

A post shared by Leo Messi (@leomessi)

މިސީޒަނުގައި ޕީއެސްޖީން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ މެސީއެވެ. އޭނާ ވަނީ މިސީޒަނުގެ ފްރާންސް ލީގުގައި 15 ގޯލު ޖަހައި، 15 އެސިސްޓް ހަދައިފައެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ކުރިއަށްއޮތް ދެ މެޗުގައި ކޯޗު ގަލްޓިއޭ މަސައްކަތްކުރަން ޖެހޭނީ މެސީ ނުލައެވެ.

މިސީޒަނުގައި ޕީއެސްޖީއަށް ބާކީ ފަސް މެޗު އޮތް އިރު، ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 33 މެޗުން ހޯދި 75 ޕޮއިންޓާއެކުއެވެ. ޕީއެސްޖީ އާއި ދެވަނައިގައި އޮތް މާސޭއާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ. އެހެންކަމުން ޕީއެސްޖީއަށް ލީގު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

comment ކޮމެންޓް