ވަރުގަދަ ސިފައިންނާއި ފުލުހުން ފެށުން ރަނގަޅުކޮށްފި

އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ސިފައިންނާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ވަރުގަދަ ސިފައިންނާއި ފުލުހުން މޮޅެއް ހޯދައި، ފެށުން ރަނގަޅުކޮށްފިއެވެ.

ހުޅުމާލެ ވޮލީބޯޅަ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ސިފައިންނާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. އެ މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސިފައިންނެވެ. އެ މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-20، 25-20 އަދި 25-18 އިންނެވެ.

އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ސިފައިންނާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

އެ މެޗުގެ ކުރީކޮޅު ވަރުގަދަކޮށް ފެނުނީ އެމްއެންޑީއެފެވެ. ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިޔާ މުބައްޝިރު ރަޒާ އާއި ރާއްޖޭގެ ގައުމީ ޓީމު ކުޅުންތެރިޔާ ހަސަން ނިލާމް އަދި ހުސެއިން ވިޝާމް (ބުޅިކެ) އާއެކު އެފްއެސްއެމުން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި ނަމަވެސް، އަހުމަދު އަބްދުލްކަރީމް (ލޯންގޭ)ގެ ތަޖުރިބާއާއެކު އެމްއެންޑީއެފުން އަނެއްކާވެސް ފަރަގު ބޮޑުކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އެމްއެންޑީއެފުން ފުރަތަމަ ސެޓު ގެންދިޔައީ ފަސް ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ސެޓުގެ ކުރީކޮޅު އެފްއެސްއެމުން ކުޅުން ވަރުގަދަކޮށް، ފަރަގު ބޮޑުކުރަމުންދިޔައެވެ. ނަމަވެސް އެމްއެންޑީއެފުން ފަރަގު ކުޑަކުރުމަށް މަސައްކަތްކޮށް، ފަހަތުން އަރައި ލީޑު ވެސް ހޯދިއެވެ. އެމްއެންޑީއެފުން ދެވަނަ ސެޓު ވެސް ގެންދިޔައީ ފަސް ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ.

އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ސިފައިންނާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ވަރުގަދަ ކުޅުމަކާއެކު ތިންވަނަ ސެޓު ފެށި އެމްއެންޑީއެފުން ވަނީ އެފްއެސްއެމަށް އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ. މެޗު ފެށިގެން ވެސް އެމްއެންޑީއެފުން ދިޔައީ ލީޑުގައި ހިފަހައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެމްއެންޑީއެފުން އެ ސެޓު ގެންދިޔައީ ހަތް ޕޮއިންޓުގެ ލީޑެއްގައި އޮވެގެންނެވެ. އެއާއެކު އެމްއެންޑީއެފަށް މެޗު ލިބިގެންދިޔައެވެ.

އެ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ފުލުހުންނާއި ސްޓެލްކޯއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަތުން މޮޅެއް ހޯދި ސްޓެލްކޯގެ މައްޗަށް މިރޭގެ މެޗުން ފުލުހުން ކުރި ހޯދީ 3-1 ސެޓުންނެވެ.

އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ފުލުހުންނާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ފުލުހުންގެ ފަރާތުން ފުރަތަމަ ދެ ސެޓުގައި ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެ ދެ ސެޓުގެ ވެސް ފުލުހުން ކާމިޔާބުކުރީ ކުރީކޮޅުގައި ހޯދި ލީޑުގައި ހިފަހައްޓާލައިގެންނެވެ. ފުލުހުން ވަނީ ރަނގަޅު ބްލޮކުތަކެއްކޮށް، ވަރުގަދަ ހަމަލާތަކެއް ވެސް އުފައްދައިފައެވެ.

ތިންވަނަ ސެޓު ވެގެންދިޔައީ އުންމީދު އާކުރުމަށް ސްޓެލްކޯއަށް މޮޅުވާން މަޖުބޫރު ސެޓަކަށެވެ. އެ ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ފަހުން ސްޓެލްކޯ އިން ވަނީ ކުޅުން ވަރުގަދަކޮށް ސެޓު ގެންގޮސްފައެވެ.

އިންޓަ ކޮމްޕެނީ / އޮފީސް ވޮލީބޯޅަ މުބާރާތުގައި ފުލުހުންނާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ހަތަރުވަނަ ސެޓުގައި ފުލުހުންގެ ފަރާތުން އަނެއްކާވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެ ސެޓު ފުލުހުން ފެށީ ވެސް ބޮޑު ލީޑެއް ހޯދައިގެންނެވެ. ސްޓެލްކޯ އިން ފަރަގު ކުޑަކުރަން މަސައްކަތްކުރި ނަމަވެސް، ފުލުހުން ވަނީ ސެޓު ކާމިޔާބުކޮށް، މެޗު ގެންގޮސްފައެވެ.

ވަރުގަދަ ވޮލީ ކުޅުންތެރިންތަކެއް ފެނިގެންދާ އޮފީސްތަކުގެ ވޮލީ މުބާރާތުގައި މިފަހަރު ޖުމުލަ ނުވަ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކެވެ.

މުބާރާތުގެ "ގްރޫޕު އޭ" ގައި ހިމެނެނީ އާބަންކޯ އާއި ސްޓެލްކޯ އާއި އެމްއޭސީލް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން ވަރުގަދަ ފުލުހުންނެވެ. އަދި "ގްރޫޕު ބީ" ގައި ހިމެނެނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެފްއެސްއެމް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން ވަރުގަދަ ސިފައިންގެ ޓީމެވެ.

comment ކޮމެންޓް