އޮސްޓްރޭލިއާގައި ވޭޕް ނުވަތަ އީ-ސިނގިރޭޓު ބޭނުންކުރުން މަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ގައުމުން ބުނެފިއެވެ.
އޮސްޓްރޭލިއާ ސަރުކާރުން ބުނާ ގޮތުގައި އެއީ އާންމު ސިއްހަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، އެކަމުން އެންމެ ބޮޑަށް އަސަރު ކުރަނީ އެ ގައުމުގެ ޒުވާނުންނަށެވެ. އަދި އެއީ މީގެ ކުރިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި 14-17 އަހަރުގެ ކޮންމެ ހަ މީހަކުން އެކަކު ވޭޕް ކޮށްފައިވާއިރު، 18-24 އަހަރުގެ ކޮންމެ ހަތަރު މީހަކުން އެކަކު ވޭޕް ކޮށްފައިވެއެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު މާކް ބަޓްލާ ވިދާޅުވީ ފުރާވަރު އުމުރުގެ ޒުވާން ކުދިން ވޭޕް ނުވަތަ އީ-ސިނގިރޭޓު ބޭނުންކުރާ މިންވަރު އެ ގައުމުގައި އިތުރުކަމަށެވެ. އެގޮތުން އެކަންތައް ކޮންޓްރޯލްކުރުވުމަށް އީ-ސިނގިރޭޓު މަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާކް ވިދާޅުވީ ވޭޕް ކުރުމަކީ މިހާރު އޮސްޓްރޭލިއާގެ މަތީ ސާނަވީ ގްރޭޑްތަކުގަ އާއި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ މެދުގައި މަދުން ނަމަވެސް އިތުރުވަމުންދާ ކަމެއް ކަމަށެވެ. އަދި އެއީ ޒުވާން ކުދިން ފެޝަނެއްގެ ގޮތުގައި ވޭޕްއަށް އެޑިކްޓްވަމުންދާ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރައްވާފައިވެއެވެ.
"އަހަރެންގެ އުމުރުގެ 70 މީހުންގެ ތެރެއިން އެންމެ މީހަކު ވޭޕްކުރާނީ" އުމުރުން 52 އަހަރުގެ ބަޓްލާ ބުންޏެވެ.
އެ ގައުމުގައި ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން ވޭޕްކުރުން ވަނީ ހުއްދަކޮށްފައެވެ.
މާކް ވިދާޅުވީ އަންގާރަ ދުވަހަށް ފަހުގައި މިހާ ހިސާބުން އޮސްޓްރޭލިއާގައި ވޭޕް އެތެރެ ކުރެވޭނީ ފާމަސީތަކަށް އެކަނި ކަމަށެވެ. އަދި ފާމަސީތަކުން ވޭޕް ދޫކުރާނީ ޑޮކްޓަރެއްގެ ލަފާގެ މަތިން ދޫކޮށްފައިވާ ބޭސް ސިޓީތަކަށް އެކަނި ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އޭނާ ވިދާޅުވީ ސަރުކާރުން "ޝަރުއީ ފަރުވާގެ ބޭނުން"އަށް ބޭސް ސިޓީ ހޯދުމަށް ފަސޭހަކޮށްދޭނެ ކަމަށެވެ. ހަމައެއާއިއެކު، ޒުވާން ކުދިންނަށް އަމާޒުކޮށް ޕްރޮމޯޓްކުރަމުންދާ އެކި ފްލޭވާތަކާއި އެކި ކުލަކުލައިގެ ވޭޕްތައް ވިއްކުން މަނާކުރުމުގެ އިތުރުން ސިންގަލް ޔޫޒް އަދި ޑިސްޕޯޒަބަލް ވޭޕްތައް ވިއްކުން ވެސް އޮސްޓްރޭލިއާގައި މަނާކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ކެންސާ ކައުންސިލުން ބުނީ މި ބަދަލުތަކުގެ ސަބަބުން އެ އީ-ސިނގިރޭޓްގެ ބޭނުންކުރާ މިންވަރު މަދުވެ އޮސްޓްރޭލިއާގައި އެކަމުން ސަލާމަތްވެފައިވާ ޖީލެއް އުފެދުމަށް މަގުފަހިވާނެ ކަމަށެވެ.