ފަލަސްތީނުގެ ގައިދީއަކު އިޒްރޭލުގެ ޖަލެއްގައި ހައިހޫނުކަމުގެ ހަޅުތާލު ކުރާތާ ތިން މަސް ފަހުން މަރުވެއްޖެ

ބަނޑުހައިހޫނު ކަމުގައި ހަޅުތާލު ކުރަމުންދާތާ ތިން މަސް ދުވަސް ފަހުން މަރުވި ފަލަސްތީނުގެ ގައިދީއެއް ކަމަށްވާ ޚާދިރު އަދުނާން -- ފޮޓޯ/ ރޮއިޓާސް

އިޒްރޭލުގެ ޖަލެއްގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީއަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާތާ ތިން މަސް ފަހުން މަރުވެއްޖެއެވެ.

އިޒްރޭލުގެ ޖަލު އޮފިޝަލުން ބުނީ މަރުވެފައި ވަނީ އުމުރުން 45 އަހަރުގެ ޚާދިރު އަދުނާން ކަމަށެވެ. އޭނާ ހަޅުތާލު ފެށީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހެވެ.

އޭނާއަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތާ ގުޅުން ހުރި މީހެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދުނާން މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އޭނާގެ ގޮޅި ތެރެއިންނެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ ވަނީ މެޑިކަލް ޓެސްޓު ހެދުމަށާއި ބޭސްފަރުވާއަށް ވެސް ދެކޮޅު ހަދާފައި ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުންޏެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދުނާންގެ މަރާ ގުޅިގެން އޭނާގެ އަނބިމީހާ ރަންދާ މޫސާ ވަނީ އޭނާގެ ފިރިމީހާގެ މަރަކީ ޝަހީދުވުމުގެ ގޮތުގައި ސިފަކޮށް، އެކަމާމެދު ފަޚުރުވެރިވާ ކަމަށް ބުނެފައެވެ. އަދި އަދުނާންގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ހަދަން ނުޖެހޭނެ ކަމަށް ބުނެ، ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ރަންދާ އެދިފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ޚާދިރު އަދުނާންގެ އަންހެނުން ދަރިފުޅާއިއެކު -- ފޮޓޯ/ ރޮއިޓާސް

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ އަދުނާންގެ މަރުގެ މައްސަލަ ބެލުމަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި އެ މިނިސްޓްރީން ވަނީ އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަދުނާންގެ މަރުގެ "ފުރިހަމަ ޒިންމާ" އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އަދުނާންގެ މަރާއެކު އިސްލާމިކް ޖިހާދުން ވަނީ އިޒްރޭލަށް އިންޒާރު ދީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ.

އަދުނާން ހަޅުތާލު ފެށީ އޭނާ ދައުވާއަކާ ނުލައި ހައްޔަރުކޮށްފައި ބެހެއްޓުމުން، ހައްޔަރު ކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

އޭނާ ވަނީ މީގެ ކުރިން ހައްޔަރު ކުރުމުންވެސް އެތައް ފަހަރަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކޮށްފައެވެ. އެގޮތުން 2015 ވަނަ އަހަރު އޭނާ ހައްޔަރު ކުރުމުން 55 ދުވަހަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވަނީ ކޮށްފައެވެ.

މީގެ ކުރިން އޭނާ 12 ފަހަރަކު ހައްޔަރުކޮށްފައިވެއެވެ.

އިޒްރޭލުގެ ޖަލުތަކުގައި އެއްވެސް ދައުވާއަކާ ނުލައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ އަދަދު މިހާރު 1،000އަށް ވުރެ އިތުރެވެ.

comment ކޮމެންޓް