އިންޑިއާއިން އަސްކަރީ އެހީ ފޯރުކޮށްދޭނީ ގައުމުތަކަށް މުހިންމު ބޭނުންތައް ދެނެގަނެގެން: އިންޑިއާގެ ދިފާއީ ވަޒީރު

ކ-ވ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ސްރީ ރާޖްނާތު ސިންގާއި ރައީސް ޞާލިހާއި ފޮރިން މިނިސްޓަރު ޝާހިދު -- ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާއިން ގައުމުތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ އެ ގައުމަކަށް އެންމެ ބޭނުންވާ މުހިންމު ކަންކަމަށް ރިއާޔަތް ކުރުމަށްފަހުކަމަށް އިންޑިއާގެ ދިފާއީ ވަޒީރު ސްރީ ރާޖްނާތު ސިންގް ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ އާ އުޅަނދުފަހަރު ކޯސްޓްގާޑާ ހަވާލުކުރުމަށް މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާޖްނާތު ވިދާޅުވީ މިއަދު އިންޑިއާއިން ދުނިޔޭގެ ފެންވަރުގެ ހަތިޔާރު އުފައްދަނީ ހަމައެކަނި އެ ގައުމުގެ ބޭނުންތަކަށް އެކަނި ނޫންކަމަށެވެ.

އެހެން ގައުމުތަކަށް އެކްސްޕޯޓްކުރުމަށް ވެސް ޒަމާނީ ފެންވަރުގެ ހަތިޔާރު އުފައްދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިންޑިއާއަށް އަވަށްޓެރި ގައުމުތަކުގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްކުރުމަށް މަގުފަހިވެގެން ދިޔަ ސަބަބެއް. އެކުވެރި ގައުމުތަކަށް އިންޑިއާއިން ހުށަހަޅަނީ އެ ގައުމެއްގެ ގައުމީ މުހިންމު ކަންކަމާއި ގާބިލްކަމާ ފުށުނާރާ ކަންކަން،" ރާޖްނާތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ކަނޑަކީ ދެ ގައުމު ވެސް ހިއްސާކުރާ ކަނޑުކަމަށެވެ. އެެހެންކަމުން މި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީ ދެ ގައުމުގެ ރައްޔިތުންނާއި ސަރުކާރުގެ ޒިންމާއެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެ ކަން ކުރެވޭނެ ދެ ގައުމުގެ އެކުވެރިކަން އިތުރުކޮށް އެކުގައި މަސައްކަތްކޮށްގެންކަމަށް ރާޖްނާތު ވިދާޅުވިއެވެ.

"މާޒީން ދަސްކޮށްދީފައިވަނީ ސަރަހައްދީ ސުލްހައާއި ރައްކާތެރިކަން އެންމެ ރަނގަޅަށް ކަށަވަރުކުރެވޭނީ ސަރަހައްދީ ގައުމުތައް އެކުގައި ކުރާ މަސައްކަތުންކަން. އެހެންކަމުން އިންޑިއާއަށް ވެސް އަދި ރާއްޖެއަށް ވެސް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް އިންޑިއާ ކަނޑުގައި ހުރި ނުރައްކާތަކާއި ގޮންޖެހުންތައް ހައްލުކުރަން އެކަމަށް ރިއާޔަތްކޮށް އެކުގައި މަސައްކަތްކުރުން މުހިންމު،" ރާޖްނަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ކަނޑުުގެ ސަރަަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެމެހެއްޓެނެވި ގޮތަކަށް މި ކަނޑުގެ ވަސީލަތްތައް ބޭނުންނުކުރެވުންކަމަށެވެ.

ނަމަވެސް އެއީ މި ސަރަހައްދުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

ރާއްޖެއާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުވުމުގެ ޔަގީންކަން އިތުރުވާކަމަށް ރާޖްނާތު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއަދު އަލަށް ކޮމިޝަން ކުރި އޮފް ޝޯ ޕެޓްރޯލް އުޅަނދަކީ ކަނޑާއި ކަނޑުގެ އައްސޭރީގެ ސަރަހައްދު ސާވައިލެންސް ކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއްކަމަށެވެ.

"މި އުޅަނދުފަހަރު އެމްއެންޑީއެފަށް ހަދިޔާ މި ކުރެވެނީ މީގެ ކުރިން، މިދިޔަ އަހަރުގެ އޯގަސްޓު މަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިންމި ނިންމުމާއެކު. މި ނިންމުންތައް މިއަދު މި އަންނަނީ ތަންފީޒު ކުރެވެމުން،" ރާޖްނާތު ވިދާޅުވިއެވެ.

އެގޮތުން އަސްކަރީ ގޮތުން އިންޑިއާއިން ރާއްޖެއާ ބާއްވާ ގާތްކަމަކީ ވެސް އިންޑިއާގެ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ތެރެއިން ބާއްވާ ގުޅުމެއްކަމަށް ރާޖްނާތު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް 2019ގައި ރާއްޖޭގައި ވާހަކަފުޅުދައްކަވަމުންވަނީ އިންޑިއާގެ ނެއިބާ ހުޑް ފަސްޓް ސިޔާސަތަށް ދޭ އިސްކަން އަދި ނެއިބާހުޑްގައި ރާއްޖެއަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި،" އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާއިން އަބަދުވެސް އެ ގައުމުގެ އަވަށްޓެރި ގައުމުތަކަށް ޚާއްސަ އިސްކަމެއް ދޭކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް