ހިިރިލަންދޫގައި އާދީއްތަ ދުވަހު ރޭ ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެކަކުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ހިރިލަންދޫގައި ހިނގި މާރާމާރިއާ ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމަންއަމާންކަން ނަގާލުމުގެ ތުހުމަތުގައި 36 އަހަރުގެ މީހަކާއި 32 އަހަރު މީހަކު ހައްޔަރުކުރިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 32 އަހަރުގެ މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި 36 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުގައި ހިނގި ހަމަނުޖެހުންތަކަކީ މަސްތުވާތެއްޗާއި ވައްކަމުގެ މައްސަލަ އެ ރަށުގައި ބޮޑުވުމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެކެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ހަތަރު މީހަކު މޫނު ނިވާކޮށްގެން ގޮސް ތަޅައިގަތީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބައެެއްގެ ގައިގައި ކަމަށެވެ. އެ މީހުންގެ ގައިގައި ތަޅައިގަތީ އެ މީހުން އުޅޭ ގެއެއްގެ ތެރޭގައި ތިއްބާއެވެ
އެ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ރަށުގައި އަބަދުވެސް ފުޅާ ދާއިރާއެއްގައި ކުރާ ބައެއްކަމަށް އޭނާ ކިޔައިދިނެވެ. އަދި އެ މީހުން އުނދަގޫ ބޮޑުވެ ރައްޔިތުން އެތައް ފަހަރަކު މައްސަލަ ޖައްސައިފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ރޭ މާރާމާރީއަށްފަހު ރަށުގެ ގިނަ ބަޔަކު ވަނީ އެ ގޭ ކައިރިއަށް އެއްވެފައެވެ.