ކުލިބާލީއަށް އަނިޔާވެ، ޗެލްސީއަށް އިތުރު މާޔޫސްކަމެއް

ޗެލްސީގެ ސެނެގާލް ޑިފެންޑަރު ކަލިދޫ ކުލިބާލީ -- ފޮޓޯ/ ގެޓީ

ޗެލްސީގެ ސެނެގާލް ޑިފެންޑަރު ކަލިދޫ ކުލިބާލީއަށް ވެސް އަނިޔާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު 34 މިލިއަން ޕައުންޑަށް ޗެލްސީއަށް ގެނައި ކުލިބާލީއަށް ކުރިމަތިވެފައިވަނީ ފައިގެ ފަލަމަސްގަނޑުގެ އަނިޔާއެކެވެ. އެއާއެކު އޭނާ ވަނީ ޗެލްސީގެ އަނިޔާގެ ލިސްޓަށް އިތުރުވެފައެވެ.

އުމުރުން 31 އަހަރު ކުލިބާލީގެ އަނިޔާއާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ދުވަސްތަކެއް ވަންދެން ކުލިބާލީ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި އޭނާ މިވަގުތު މަސައްކަތްކުރަމުންދަނީ ޓީމާ ވަކިން ކަމަށެވެ.

ކުލިބާލީއަށް އަނިޔާވެ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭކަން ލަމްޕާޑް ބުނެފައިވާ އިރު، މާކް ކުކުރެޔާ ފިޓްވާން ގާތްވެފައިވާ ކަމަށް ވެސް ލަމްޕާޑް ވަނީ ބުނެފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން ޖަރުމަން ފޯވަޑް ކައި ހަވާޓްޒް ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ލަމްޕާޑް ދިނެވެ.

ޗެލްސީގެ އަނިޔާގެ ލިސްޓުގައި އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓާއި އިނގިރޭސި ޑިފެންޑަރު ރީސް ޖޭމްސް ވެސް ހިމެނެއެވެ. އެ ދެ ކުޅުންތެރިން ދެން މިސީޒަނުގައި ފެނިދާނެ ކަމުގެ އުންމީދު ކުޑައެވެ.

ޕްރިމިއާ ލީގުގައި މިއީ ޗެލްސީއަށް ދަށް ސީޒަނެކެވެ. ލީގުގެ ގަދަ ހަތަރަކުން އާންމުކޮށް ފެންނަ ޗެލްސީ މިވަގުތު އޮތީ ތާވަލުގެ 12 ވަނައިގައެވެ. އެޓީމަށް 32 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

comment ކޮމެންޓް