ޖޭޕީއާއެކު މަސައްކަތްކޮށްގެން އެމްޑީޕީގެ އަސާސާ ޚިލާފެއްނުވާނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) --

ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅައިފައި އޮއްވައި އެމްޑީޕީގެ ތެރޭގައި ތިއްބަވައިގެން ވަކި ފިކުރެއްގައި ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރަން ނިންމި ނަމަވެސް ޕާޓީގެ އަސާސްތަކާ ފުށުއަރާނެކަމަށް ގަބޫލުނުކުރައްވާކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ސިޔާސީ ކަންކަން ބައްޓަން ކުރަމުން އަންނަ ގޮތާ ގުޅޭގޮތުން "ސަން"އާ ވާހަަކަދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީގެ އަސާސްތަކާ ޚިލާފުވަނީ ޕާޓީގެ އަސާސްތަކާ ޚިލާފަށް ކަންކަން ކުރާތީކަމަށެވެ. އޭނާ މި ވާހަކަތައް އަމާޒުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެމްބަރުންނަށެވެ.

"ޕާޓީއާ ފުށެއްނާރާނެ. ޕާޓީއާ ފުށުއަރަނީ އެމްޑީޕީގެ ނަމުގައި ތިބެގެން އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުނުކުރާތީ. އެމްޑީޕީގެ ސިޔާސަތު ނުވިއްކޭތީ، އެމްޑީޕީގެ އިތުބާރު ފަނޑުވާތީ އެއީ ހަގީގަތުގައި ޕާޓީގެ މަގްސަދުތަކާ ފުށުއެރުމަކީ،" ވައްޑެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އަަސާސީ ގަވާއިދުގައި އޮތް ގޮތަށް ރާއްޖޭގެ ވެރިކަން ބައްޓަން ކުރާތަން ނުފެންނަކަމަށެވެ.

"ބާރުތައް ވައްކެތް ނުވޭ. ބާރުތައް މިއޮތީ ހަމަ ސީދާ ރައީސް މައުމޫން އިރަށް ވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް ނަންގަވައިފައި، މިނިވަން މުއައްސަސާތައް މި އޮންނަނީ ހަމަ ސީދާ ރައީސްގެ މުށު ތެރޭގައި،" އޭޭނާ ތުހުމަތުކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީއާއެކު ކުރާ މަސައްކަތާ ގުޅިގެން ވައްޑޭ ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކުން އެހެން ފިކުރެއްގެ ސިޔާސީ ޕާޓީއަކާއެކު ގުޅިގެން މަސައްކަތްކުރަން ނިންމާއިރު ބަލާނެ ގިނަ ކަންތައްތަކެއް ހުންނާނެކަމަށެވެ.

ހަމަ އެ ފަދައިން ޖުމްހޫރީ ޕާޓީން ވެސް ރައީސް ނަޝީދާއެކު މަސައްކަތް ކުރަން ނިންމާއިރު ބަލާނެ ގިނަ ކަންތައްތަކެއް ހުންނާނެކަމަށް ގަބޫލުކުރައްވާކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެ މީހާގެ އިންޓްރަސްޓާ ގުޅިގެން ގެނެވޭނެ އެއްޗެއް. އަންނާނެ އެއްޗެއް. މިސާލަކަށް ބައެއް ސިޔާސަތުތަކާ ގުޅިގެން އިތުރު ފިކުރުތަކާ ގުޅޭއިރު ހުންނާނެ ބަލާނެ ކަންކަން. އަޅުގަނޑަށް ހީވަނީ ގާސިމް އެހެރީ މިހާރު ރިޔާސީ ރޭހަށް ނިކުންނަވާ. އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރުމުގެ ވަރުގަދަ ރޫހުގައި ހުންނެވީ،" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވެސް އަދި ޖުމްހޫރީ ޕާޓީން ވެސް ދެ ފަރާތް އެކުގައި ރިޔާސީ އިންތިޚާބުގެ ސިޔާސީ މަސައްކަތަށް ނިކުތުމަށް ރަސްމީކޮށް ނުނިންމާކަމަށެވެ.

ނަމަވެސް ދެ ފަރާތުން ވެސް އެކުގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ގެންގުޅޭކަމަށެވެ.

މި ވަގުތު ކުރިއަށްދަނީ ނަޝީދުގެ ހުށަހެޅުއްވުންތަކަށް މަޝްވަރާކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"ރަސްމީކޮށް މަސައްކަތްތައް ވެސް ކުރާނަން. އެ ގޮތަށް ނިންމިއްޖެޔާ އިއުލާން ކުރާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް