ރީޑިން ނުނަގައި ބިލް ބޮޑުކޮށްފައެއް ނުވާނެ: ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ފާއިތުވި އޭޕްރިލް މަހު ގޭބިސީތަކުގެ ކަރަންޓު މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ބިލް ބޮޑުކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އަންދާޒާ ކުރި ވަރަށް ވުރެ މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑުވުމާއެކު އާންމުންގެ ނުރުހުން ވަނީ ސްޓެލްކޯއަށް އަމާޒުވެފައެވެ. އެހެން މަސް މަހާ އަޅައިބަލާއިރު އިންތިހާ ދަރަޖައަށް އޭޕްރީލް މަހު ކަރަންޓު ހިނގާ މިންވަރު ބޮޑުވުމުން ކަރަންޓުގެ ޚަރަދު އެތައް ގުނައަކުން ބޮޑުވެއެވެ.

ގޭގައި ނޫޅުނަސް ކަރަންޓު ބިލު ބޮޑުވަނީ ކަމަށާއި، އެހެން މަސްމަހަށް ވުރެ ދެގުނަ އަދި ތިންގުނައަށް ކަރަންޓު ބިލު ބޮޑުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައި ބުނެ ސޯޝަލްމީޑިއާގައި މީހުން ހިޔާލުފާޅުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާ ފައެވެ.

އޭނާ ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި، ސްޓެލްކޯއިން އެއްވެސް އިރެއްގައި ބިލް އާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތެއް ހާމަކޮށްފައި ނުވާނެ ކަމަށެވެ.

އަދި، ޓެރިފް ރޭޓް އަކީ ސްޓެލްކޯއިން ކަނޑައަޅާ ކަމެއް ނޫން ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ކަރަންޓު ބޭނުން ކުރުމަކީ ވެސް އެ ކުންފުނީގެ ކޮންޓްރޯލް އޮންނަ ކަމެއް ނޫން ކަމަށެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ސްޓެލްކޯއިން އެއްވެސް ހާލެއްގައި ރީޑިން ނުނަގައި ބިލް ނުހަދާނެ ކަމަށާއި، ބިލުގައި ރީޑިން ނެގި ތާރީޚުވެސް ހިމަނާފައިވާނެ ކަމަށެވެ.

އަދި ބައެއް ގެތަކުގެ ބިލް އެހެން މަސް މަހާ ޚިލާފަށް ބޮޑުކަން ފާހަގަކުރެވޭނަމަ އުސޫލެއްގެ ދަށުން ސްޓެލްކޯއިން އެ ބިލް އަލުން ޗެކް ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އެއްވެސް ހާލެއްގައި ރީޑިން ނުނަގައި ބިލެއް ނުހަދާނެ. މީޓަރަށް ބިލް ހަދާނީ. އެކަހަލަ ގެޔެއް އުޅެންޏާ އަޅުގަނޑު މެންނަށް ދައްކަންވީ. މިކޮޅުން އެވަރެޖްކޮށް 1000 އަރާ ގެޔަކަށް 2000 އަރައިފިއްޔާ ރީޗެކް ވެސް ކުރާނެ. އަލުން ރީޑިން ވެސް ނަގާނެ. ކޮންމެ ބިލެއްގައިވެސް އެބަ ބަލާލެވޭ އެންމެ ފަހުން ރީޑިން ނެގި ތާރީޚުވެސް. އެ ހުރިހާ މައުލޫމާތެއްވެސް ބިލުގައި ހިމަނާފަ މި ހުންނަނީ. ރީޑިން ނުނަގައި ބިލް ހެދޭނެ އެއްވެސް ގޮތެއް ނީންނާނެ. އެކަމުގެ ޔަގީންކަން އަރުވަންސްޓެލްކޯ މީޑިއާ

އޭނާ ވިދާޅުވީ މީޓަރަށް ދިމާވާ މައްސަލައެއްގެ ސަބަބުންވެސް ބިލް ބޮޑުވެދާނެ ކަމަށާއި، އެފަދަ ކަމެއް އުޅޭކަން ފާހަގަކުރެވޭނަމަ މީޓަރު ޗެކް ކޮށްލުން ބުއްދިވެރި ކަމަށެވެ.

ފާއިތުވި ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނުގަދަ މަހެއް ކަމުން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފައެވެ. އޭޕްރިލް މަހުގެ 11 ވަނަ ދުވަހަކީ މާލޭ ސަރައްހަދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށް ސްޓެލްކޯއިން މީގެކުރިން ބުނެފައިވާއިރު، އެ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 92.5 މެގަވޮޓަށް ވުރެ މައްޗަށް ގޮސްފައެވެ.

އެއަށްފަހު އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެ ކުންފުނީގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އެއީ ރާއްޖޭގައި ކަރަންޓު ބޭނުންކުރި މިންވަރު އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ސްޓެލްކޯއަށް ދުވާލެއްގެ މައްޗަށް އުފެއްދެނީ 120 މެގަވޮޓުގެ ކަރަންޓެވެ.

comment ކޮމެންޓް