ޖިންސީ ގޯނާކުރާ ކުޑަކުދިންނަށް ލުއި އަދަބެއް ނުދެވޭނެ: ހައި ކޯޓު

ހައިކޯޓު: ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންނަށް ލުއި އަދަބެއް ނުދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގައި ކުޑަކުއްޖަކު ބައިވެރިވެއްޖެ ނަމަ އެ ކުއްޖެއް ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް, ކުޑަކުދިން ބަންދުކުރާ ޖަލެއްގައި ބަންދުކުރުމުގެ އަދަބު ދެވިދާނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި އެހެން އޮތް ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ ގޮތުން އެފަދަ ކުއްޖަކަށް ދެވޭނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބުގެ ތިން ބައިކުޅަ ދެ ބައި ކަމަށެވެ.

އެ ގާނޫނަށް ރިއާޔަތްކޮށް 2021 ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކުޑަކުއްޖެއް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ޝަރުތުތަކަކާ އެކު ޖަލު ހުކުމުގެ އެއް އަހަރު ފަސް ކުރުމަށް ހުކުމްކުރިއިރު އެ ކުއްޖާ ވަނީ މިނިވަންވެފައެވެ.

އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ޖުވަނައިލް ކޯޓުގެ ހުކުމް ވަނީ ބާތިލްކޮށްފައެވެ. އަދި އެ މައްސަލައިގައި އަލުން ގޮތެއް ނިންމުމަށް ވެސް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެގޮތަށް ހައި ކޯޓުން ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. ދެން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

comment ކޮމެންޓް