މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތާއެކު ހިރިލަންދޫގައި ގެއަކަށް ވަދެ މާރާމާރީ ހިންގައިފި

ތ. ހިރިލަންދޫ --- ފޮޓޯ/ އައިލްސް

މަސްތުވާތަކެތި ބޭނުންކުރާ ގެއެއް ކަމަށް ބުނެ، ތ. ހިރިލަންދޫގައި ގެއެއްގެތެރެއަށް ވަދެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ، ހިރަލަންދޫ ގެއެއްގެ ތެރެއަށް ވަދެ، މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 10:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް އިންޒާރު ދިން މައްސަލައެއް ވެސް ރޭ 10:15 އެހާކަންހާއިރު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ރަށުގެ އަމާންކަން ނަގާލަން މަސައްކަތް ކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީއާ ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވެއެވެ. ލިބުނު އަނިޔާތަކަށް ހިރިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އެ ދެ މީހުން މިހާރު ވަނީ އިތުރު ފަރުވާއަށް ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކަމާ ގުޅިގެން އެ ރަށު މީހަކު 'ސަން' އަށް ބުނީ އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތު ރައްޔިތުން ކުރާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކައުންސިލުން ވެސް ފުލުސް އޮފީހުގައި އެކަން ބަލައިދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ފުލުހުން ކޯޓު އަމުރު ހޯދައި، މީގެ ކުރިން ވެސް އެ ގެ ބަލައި ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ހެކި ފުލުހުންނަށް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ރައްޔިތުން ގަބޫލުކުރާ ގޮތުގައި ކޯޓު އަމުރަށް އެދޭ ހިސާބުން އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެކަން އެނގި، ފުލުހުން އަންނަން ވާއިރަށް އެތަން ސާފުކޮށް، ހެކިތައް ނައްތާލާ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

"މިދެންނެވި ގޮތުގެމަތިން މިކަން ހިނގާތީ ބައެއް ރައްޔިތުން، އެކަމުގައި ބައެއް ފުލުސް އޮފިސަރުންގެ އަތެއް ވާ ކަމަށް ވެސް ތުހުމަތު ކުރޭ،" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނީ އެ މައްސަލަ ބޮޑުވެ އެންމެ ފަހުން ރޭ، އާންމުގެ ހަތަރު މީހަކު މޫނު ނިވާކޮށްގެން ތިބެ، އެ ގޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ބަޔަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، އެ ގެއަށް ގާ އުކާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރަށުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، އޭގެ ސަބަބުން ވައްކަން ފަދަ އެހެނިހެން ކުށްތައް ވެސް އިތުރުވަމުންދާ ކަން އޭނާ ފާހަގަކުރިއެވެ. އެ މައްސަލަތަކަށް ހައްލެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ރޭ ވެސް ފާޅުކޮށްފައިވާ ކަަމަށް އޭނާ ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް