ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަން ނިންމާފައިވާ އިރު، އެ ބަދަލުތައް ގެންނާނީ ދިވެހިންނަށް އެކަނި ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕޭ ކޮމިޝަނާއި ހެލްތު އަދި ޖެންޑާ މިނިސްޓްރީން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިޒަލް ވިދާޅުވީ، ސިއްހީ ދާއިރާގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވާ މުވައްޒަފުންގެ ބިދޭސީން ނުހިމެނޭ ކަމަށެވެ.
"ޖުމްލަ 3،701 ދިވެހި މުވައްޒަފުން މި [ޕޭ ފްރޭމްވޯކަށް] ބަދަލުވާނެ. އޭގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 އައިޖީއެމްއެޗްގެ 1،004 ހުޅުމާލޭ ހޮސްޕިޓަކްގެ 298 އެހެނިހެން 452 މުވައްޒަފުން،" ފައިޒަލް ވިދާޅުވިއެވެ.
ފައިޒަލް ވިދާޅުވީ، ސިއްޚީ ދާއިރާގެ މުސާރައަށް ސަރުކާރުން ބަދަލު ގެނެސްފައިވަނީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާނެ ދިވެހި ޑޮކްޓަރުން އުފައްދަން އިސްކަން ދީގެން ކަމަށެވެ. އެގޮތުން އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީއެއް ހާސިލް ކުރުމަށް ބާރު އެޅުމަށް ވިސްނާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އައު އޮނިގަނޑަށް ބަލާއިރު އެންމެ މުސާރަ ބޮޑުކޮށްދީފައިވަނީ ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުންނާއި ނަރުހުންނަށެވެ. ކްލިނިކަލް ނަރުހުންނަށް މީގެކުރިން އެވަރެޖްކޮށް 19،922 ރުފިޔާ ލިބެމުން އައި ނަމަވެސް މާދަމާއިން ފެށިގެން 32،974 ލިބޭނެއެވެ. މިއީ 66 އިންސައްތައިގެ ކުރިއެރުމެކެވެ.
އަދި ކައުންސިލިން ދިނުން ފަދަ އެލައިޑް ހެލްތުގެ ދާއިރާގެ މުސާރަ އެފަދަ ފަންނުގެ މީހުންގެ މުސާރައާ އަޅާބަލާއިރު ނިސްބަތުން ދަށްވުމާއެކު އެ މަސައްކަތްތެރީންގެ މުސާރަވެސް ވަނީ ބޮޑުކޮށްދީފައެވެ.
މުސާރައާ އެކު ގިނަ އެލަވަންސްތަކެއްވެސް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ. ސްޕެޝަލިސްޓުންނާއި ސަބްސްޕެޝަލިސްޓުން އެއް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަން އެއްބަސްވެ އެގްރިމެންޓެއްގައި ސޮއި ކުރުމުން، އައިޖީއެމްއެޗުގެ ޑޮކްޓަރުން އެހެން ކްލިނިކުތަކަށް ވަޒީފާ އަދާކުރަން ދިޔުން ދުރުކުރަން އެކްސްކްލޫސިވް ސާވިސް ބެނެފިޓްގެ ނަމުގައި ޚާއްޞަ އިނާޔަތެއް ދޭން ވަނީ ނިންމާފައެވެ.
މީގެއިތުރުން، ނައިޓް ޝިފްޓް އެލަވަންސާއި ވޯޑް އިންޗާޖް އެލަވަންސާއި އޮންކޯލް އެލަވަންސާއި މެޑިކަލް އިންޓާންޝިޕެއް ފުރިހަަމަ ކުރާ މުވައްޒަފުންނަށް ލިބޭ ހާއްސަ އިނާޔަތެއް އިއުލާންކޮށްފައިވެއެވެ.
ސިއްހީ ދާއިރާގެ މަސައްކަތްތެރީންގެ މުސާރަ ކަނޑައެޅުމުގައި ގެންގުޅެފައިވާ މައިގަނޑު އަސާސްތަކަށް ބަލާއިރު، މި އޮނިގަނޑު ބައްޓަން ކޮށްފައިވަނީ އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކަށް ސިއްޚީ މަސައްކަތްތެރިން ހޯދުމަށް ދަތިވާ މައްސަލައަށް ހައްލެއް ގެނައުމަށް އިސްކަން ދީގެންނެވެ.
އަދި، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތައް ކަނޑައަޅާފައިވެއެވެ.
މިގެނެވުނު ބަދަލާއެކު ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް އަހަރަކު 482 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް ފައިޒަލް ވިދާޅުވިއެވެ.