ސިއްހީ ދާއިރާގެ މުސާރަ: ކޮންމެ ދެ އަހަރަކުން މަގާމުގެ އެލަވަންސް އިތުރުވާނެ

ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް -- ފޮޓޯ/ ރައީސް އޮފީސް

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ގެނައި ބަދަލާއެކު، އާ ޕޭ ފްރޭމްވޯކްގައި ހިމެނޭ މުވައްޒަފުންގެ މަގާމުގެ އެލަވަންސް ކޮންމެ ދެ އަހަރަކުން އިތުރު ވާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް މިރޭ ވިދާޅުވެއްޖެއެވެ.

ފައިޒަލް އެހެން ވިދާޅުވީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން ޕޭ ކޮމިޝަނާއި ހެލްތު މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މީގެއިން ކޮންމެ މަގާމަކަށް ވެސް ދެ އަހަރުން ދެ އަހަރުން މުސާރައިގެ ކުރިއެރުން އަންނާނެ. އެގޮތަށް ދެ އަހަރަށް ފަހު އަންނަ ކުރިއެރުމާ ހަތަރު އަހަރަށް ފަހު އަންނަ ކުރިއެރުން ވެސް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން، ކްލިނިކަލް ނަރުހެއްގެ މުސާރަ މިހާރު 19،922 ރުފިޔާއިން 32،974 ރުފިޔާއަށް އިތުރުކޮށްފައިވާ އިރު އޭގެ ތެރޭގައި މަގާމުގެ އެލަވަންސްގެ ގޮތުގައި 10،270 ރުފިޔާ ހިމެނެއެވެ. ނަމަވެސް ދެ އަހަރު ފަހުން އެ އެލަވަންސް 11،811 ރުފިޔާއަށް އިތުރު ކުރާނެއެވެ. އަދި ހަތަރު އަހަރު ފަހުން 13،352 ރުފިޔާއަށް އިތުރު ކުރާނެއެވެ. އެއާއެކު، ކްލިނިކަލް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސްއާ ނުލައި 37،192 ރުފިޔާ ލިބޭނެއެވެ.

ފައިޒަލް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގެ މުސާރަތަކަށް ގެންނަ ބަދަލާއެކު، އާ މުސާރައިގެ އޮނިގަނޑަށް 3710 މުވައްޒަފުންގެ ބަދަލުވާނެއެވެ. އެގޮތުން މުސާރައަށް ބަދަލު އަންނަ ފަރާތްތަކުގެ ތެރޭގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި އައިޖީއެމްއެޗްގެ 1،004 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަކްގެ 298 މުވައްޒަފުންނާއި އެހެނިހެން އިދާރާތަކުގެ 452 މުވައްޒަފުން ހިމެނެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ވަރަށް ބޮޑު ކުރަން ނިންމަވާފައިވާކަން މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް