ވިލިނގިލީގައި ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކޮށްދީފިން: އެޑިއުކޭޝަން

ގއ. އަތޮލު ތައުލީމީ މަރުކަޒު --

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުން ހަމަނުވެގެން ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވައިދޭ ޓީޗަރުންގެ ދަތިކަން ބޮޑުވެގެން މިދިޔަ ހަފުތާގައި އެ ރަށު ބެލެނިވެރިން ވަނީ އެމީހުންގެ ކަންބޮޑުވުންތައް "ސަން"އާ ހިއްސާކޮށްފައެވެ. އެގޮތުން ހަތަރު މާއްދާއެއް ކިޔަވައިދޭ ޓީޗަރުން ނެތް ކަމަށް ބެލެނިވެރިން ބުނެފައިވެއެވެ. އެއީ އެކައުންޓް، ހިސާބު، ބަޔޮލޮޖީ އަދި ކެމިސްޓްރީ ކިޔަވައިދޭ ޓީޗަރުންނެވެ.

https://sun.mv/176617

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ، މިއަދު "ސަން"އަށް ވިދާޅުވީ، އެ ކަންބޮޑުވުންތައް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިކަމަށެވެ.

އޭގެ ފަހުން މިހާރު އެ މައްސަލަތަކަށް ހައްލު ހޯދައިދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ ސްކޫލުގެ ދަރިވަރުންނެއް ނުޖެހޭނެ ޓީޗަރަކު ނެތިގެން މާއްދާތަކެއްގެ ކިޔެވުން ގެއްލިގެން އުޅޭކަށް،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ތަފްސީލް ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެ ސްކޫލްގައި އެކައުންޓް ކިޔަވައިދިނީ އެހެން ސްކޫލެއްގެ ޓީޗަރެއް ކަމަށާއި ނަމަވެސް އެ މާއްދާ ކިޔަވައިދޭން އެ ސްކޫލަށް މިހާރު ޓީޗަރަކު ފޮނުވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ސްކޫލްގައި ތިބި، ބަޔޮލޮޖީ އާއި ކެމިސްޓްރީ ކިޔަވައިދޭ ދެ ޓީޗަރުން އެ ދެ މާއްދާ ދަރިވަރުންނަށް ނަގައިދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ހިސާބު ކިޔަވައިދޭ ޓީޗަރު ފުރައިގެން ދިޔައީ މިދިޔަ ހަފުތާގެ އާދިއްތައިގައި ކަމަށާއި އެ މާއްދާއަށް ޓީޗަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަންނަ ހަފުތާއިން ފެށިގެން ހިސާބު ގަޑި ކުދިންނަށް ނެގޭނެ އިންތިޒާމު ވާނީ ހަމަޖައްސާފައި،" އޭނާ ވިދާލުވިއެވެ.

އެކަމާ ގުޅިގެން ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު އެ ސްކޫލުގައި ޓީޗަރުންގެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ. މިހާރު ހަމައެކަނި މަދުވަނީ ހިސާބު ޓީޗަރެއް ކަމަށާއި ނަމަވެސް އެއްވެސް މާއްދާއެއްގެ ގަޑި ދަރިވަރުންނަށް ދެން ނުގެއްލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިނގިލީގެ އިތުރުން، ތ. މަޑިފުށީގައި ވެސް ޓީޗަރުން ހަމަނުވާކަމަށް ބުނެ، ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

comment ކޮމެންޓް