ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރުން ހަމަނުވާތީ އެ ސްކޫލްގެ ބެލެނިވެރިން ނުރުހިއްޖެއެވެ.
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލްއަށް ކިޔަވައިދޭ ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑެވެ. އެ ރަށުން "ސަން"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އޭލެވެލްގެ އިމްތިހާނަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އޭލެވެލްގެ ހަތަރު ޓީޗަރަކު މިހާރު ވެސް ނެތް ކަމަށެވެ.
އޭނާ ކިޔައިިދިން ގޮތުގައި އޭލެވެލް އެކައުންޓް ޓީޗަރު ފެބްރުވަރީ މަހު ދިޔަ ގޮތަށް އެކައުންޓު ޓީޗަރަކު އެ ސްކޫލަށް ލިބިފައެއް ނުވެއެވެ. އަދި އޭލެވެލް ކެމިސްޓްރީ ޓީޗަރު ވިހެއުމުގެ ޗުއްޓީ ނެގި ގޮތަށް، އެ މާއްދާއަށް ވެސް ޓީޗަރަކު ނުލިބި އެތައް ދަތިތަކެއް ވެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
"ބަޔޮލޮޖީ ޓީޗަރު ވެސް ވިހައިގެން މަސްތަކެއް ވެއްޖެ،" އޭނާ ކިޔައިދިނެވެ.
އޭގެ ފަހުން، މިދިޔަ ހަފުތާގެ ތެރޭގައި ކުއްލި ގޮތަކަށް އެ ރަށު ސްކޫލްގެ ހިސާބު ޓީޗަރު ވެސް "ގެއްލިފައި" ވާ ކަމަށް އޭނާ ކިޔައިދިނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިމާވި މައްސަލައެއްގައި އޭނާ ޑީޕޯޓް ކޮށްލީއެވެ.
އެ ރަށުގެ ބެލެނިވެރިން ބުނާ ގޮތުގައި ސްކޫލާއި ޕީޓީއޭއިން ވެސް މި ކަމަށް ހައްލު ހޯދުމަށް ވަރަށް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް، މިހާތަނަށް ހައްލެއް ލިބިފައެއް ނުވެއެވެ.
"ބާރަ އަހަރު ވަންދެން އަޅުގަނޑުމެންގެ ދަރީން ކުރި މަސައްކަތް ބޭކާރު ވާކަށް އަޅުގަނޑު ބޭނުމެއް ނޫން،" ބެލެނިވެރިންގެ ކަންބޮޑުވުމަކީ އެއީއެވެ.
މި ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެއެވެ. ސްކޫލްގައި ޓީޗަރުން ހަމަނުވެގެން ތ. މަޑިފުށީ ބެލެނިވެރިން ވެސް ވަނީ އިއްޔެ މުޒާހަރާ ކޮށްފައެވެ.