މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ގޭގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު މިއަދު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ މައި ހަރުގެ ހުންނަ ގޭގެ ވެރިފަރާތުން އެ ބިމުގައި އިމާރާތެއް ކުރަން ވެގެން އެ ބިން ހުސްކޮށްދޭން އެދިފައިވާ ކަމަށެވެ. އެހެންވެ، ޕާޓީގެ މައި ހަރުގެ ހަދަން އެހެން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ގޭގެ ވެރިފަރާތުން އެ ބިމުގައި އެހެން އިމާރާތެއް ކުރަން ވެގެން، ބިން ހުސްކޮށްދޭން ވަނީ އެދިފައި. ހަރުގެ ބަދަލުކުރާނެ ބިމެއް ހޯދުމުގެ މަސައްކަތް ޕާޓީން އަންނަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
އެކަމަކު، ހަރުގެ ބަދަލުކުރާނެ ބިމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެންވެ، އާ ބިމެއް ލިބެންދެން މިހާރު ހުރި ބިމުގައި ހަރުގެ ހިންގޭނެ ގޮތެއް ހޯދަން ގޭގެ ވެރިފަރާތާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގެ ހަދާފައި ހުންނަނީ އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ގޭގައެވެ.
އެ ޕާޓީ ވަރަށް ބޮޑަށް ބައިބައިވެ، ދެ ކަފިވެފައިވާއިރު، ޝަފީއާ ހުންނެވީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައިގެން، އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައެވެ.
ނަމަވެސް އެމްޑީޕީގެ ހުރިހާ ގޮތްޕެއްގައި ވެސް މެޖޯރިޓީ އޮތީ ސަރުކާރު ފެކްޝަންގައެވެ.