ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާ / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުން ކަމަށެވެ.

އެގޮތުން ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތިގެ ތެރެއިން ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރަ ބޮޑު ކުރުމުގެ ގޮތުން އެކަމާ ބެހޭ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ވަކި ތާރީޚެއް ރައީސް ވިދާޅެއް ނުވެއެވެ.

ތަޢުލީމީ ދާއިރާގެ މުވައްޒަފުންނާއި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، މޭ މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންނާއި ސިފައިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެ ފްލެޓްތައް ހަވާލުކުރެވޭއިރު، ރަނގަޅު ހެޔޮ ބަދަލެއް އަގަށް އަންނާނެކަމުގެ ޔަގީންކަން އަޅުގަނޑު މިރޭ އަރުވަން." ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް މިހާރު ވެސް ލިބޭ ލިބޭ އެއް ބަޔަކީ ފުލުހުންނާއި ސިފައިންނެވެ.

comment ކޮމެންޓް