އާ ކޯޗާއެކު ޓޮޓެންހަމުން ޔުނައިޓެޑް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު، ޓޮޓެންހަމްގެ ކޯޗު ރަޔަން މޭސަންއާއެކު ސޮން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޓޮޓެންހަމް ހޮޓްސްޕާގެ ވަގުތީ ކޯޗަކަށް އަލަށް ހަމަޖެއްސި ރަޔަން މޭސަންގެ އިރުޝާދުގެ ދަށުން އެޓީމުން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުގައި ޔުނައިޓެޑް އަތުން ޓޮޓެންހަމް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ޓޮޓެންހަމްގެ ކޯޗަކަށް މޭސަން ހަމަޖެއްސި ފަހުން، އޭނާގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ނަތީޖާތައް ގޯސްވުމާ ގުޅިގެން ވަގުތީ ކޯޗުގެ މަގާމުގައި ކުރިން ހުރި ކްރިސްޓިއަން ސްޓެލިނީ ވަކިކުރުމަށްފަހުއެވެ.

ޔުނައިޓެޑާއި ޓޮޓެންހަމްއަކީ ވެސް ލީގުގެ ގަދަ ހަތަރަކަށް މަސައްކަތްކުރާ ދެ ޓީމެވެ. ކުޅުނު 31 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ކުޅުނު 33 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ތާވަލުގެ ހަވަނައިގައި އޮތް އެސްޓަން ވިލާއަށް ވެސް 33 މެޗުން ލިބިފައިވަނީ 54 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ޖޭޑަން ސަންޗޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުކޮށްލާފައިވަނީ ޓޮޓެންހަމް ގޯލުގެ ތިރީ ކަނަކަށެވެ.

އެ ގޯލަށްފަހު ވެސް ކައިކައިރީގައި ޔުނައިޓެޑަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ސަންޗޯ ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ޓޮޓެންހަމްގެ އިވާން ޕެރިސިޗް ދިފާއުކުރި އިރު، އޭގެ ފަސް މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކެޕްޓަން ހޫގޯ ލޮރިސްގެ ބަދަލުގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓަމުންދިޔަ ކީޕަރު ފްރޭސާ ފޯސްޓާއެވެ.

ޓޮޓެންހަމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވި އުޅެނިކޮށް، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ރަޝްފޯޑެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ކައުންޓާ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމުން ވަނީ ކުޅުން ވަރުގަދަކޮށް، ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިތާ 11 މިނެޓު ފަހުން ޓޮޓެންހަމުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޮރޯއެވެ.

ޔުނައިޓެޑުން އަލުން ގޯލެއް ޖެހުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ޓޮޓެންހަމުން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހެރީ ކޭން ދިން ބޯޅައަކުން ޓޮޓެންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެކުނު ކޮރެއާ ފޯވަޑް ސޮން ހިއުން މިންއެވެ.

comment ކޮމެންޓް