އެސްޓީއޯގެ ބޯޑުން ރުހުންދިނީ ހިއްސާއަކަށް 77 ރުފިޔާ ބަހަން

އެސްޓީއޯ ހެޑް އޮފީސް

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރުހުންދީފިއެވެ.

އެސްޓީއޯގެ ބޯޑުން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ. މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް ބެހުމަށް ނިންމި އަދަދު ފާސްކުރުން އޮންނާނީ، އެސްޓީއޯގެ އަހަރީ އާއްމުޖަލްސާގައި ހިއްސާދާރުންގެ ވޯޓުން ފާސްވުމަށް ފަހުއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިއަށް ބަލާއިރު، އެ ކުންފުނިން ވަނީ ރެކޯޑް އާމްދަނީއެއް ހޯދާފައެވެ. މިދިޔަ އަހަރު އެސްޓީއޯއިން 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު، ވިޔަފާރި ހިންގައިގެން ވެސް ވަނީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.

އެސްޓީއޯގެ 2022ވަނަ އަހަރުގެ ވަގުތީ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 742.21 މިލިއަން ރުފިޔާ ލިބިފައެވެ.

އެސްޓީއޯގެ 2021ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯއިން އަންނަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިގޮތުން އެސްޓީއޯއިން ވަނީ އާއްމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑުގައި ތަމްސީލްކުރާނޭ ޑިރެކްޓަރަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

ލިސްޓްކުރުމުގެ ޤަވާއިދުގައިވާ ގޮތުން ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން، މާލީ އަހަރު ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ނިމުނު އަހަރުގެ އަހަރީ އާއްމުޖަލްސާ ބާއްވަން ޖެހެއެވެ.

comment ކޮމެންޓް