ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ބިލް ބަލައިގަނެ، ކޮމިޓީއަށް

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒް --- ފޮޓޯ/ މަޖިލިސް

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން، އެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާ ކުރުމަށް، ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ކުޅިވަރުގެ ގާނޫނާ ބެހޭ ގާނޫނަށް އެ އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއިރު، އެއްވެސް ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެމްބަރަކު ހުއްޓެވެ.

އެއާއެކު 42 މެމްބަރުންގެ ވޯޓުން، އެ ބިލް ދިރާސާކުރަން އިޖުތިމާއީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ.

ކުޅިވަރުގެ ގާނޫނަށް ގެންނަން، މެމްބަރު ނިޔާޒު ހުށަހަޅުއްވާފައިވާ އިސްލާހުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ބަޔާންކޮށްފައިވާއިރު، އެ ކޯޕަރޭޝަން އުފައްދާފައި ވަނީ ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ކުޅިވަރު ޗެނަލް ތަރައްގީ ކުރުމާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް، ކުރިއެރުވުމާއި، ދާއިރާއަށް ނިކުންނަން އެދޭ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަމަ އެއާއެކު، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން އިތުރުކޮށް، ކުރިއެރުވޭނެ ޕްރޮގްރާމުތައް ހިންގުމާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި، ތަމްރީން ހޯދާނެ މަގުފަހިކޮށްދިނުމަށެވެ.

ނަމަވެސް މެމްބަރު ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުފެއްދުމާއި ސްޕޯޓްސް ޗެނަލް އުފައްދަން ޖެހޭ ކަމަށް ބަޔާން ކުރާ ބާބު ކުޅިވަރުގެ ގާނޫނުން އެއްކޮށް އުވާލާށެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން، ކުޅިވަރުގެ ކަންކަމަށް ވަކިން ކޯޕަރޭޝަނެއް އޮންނަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް މަހުލޫފް ހާޒިރުކުރި ދުވަހު ވެސް އޭނާ ވަނީ އެކަން ތަކުރާރުކުރައްވާފައެވެ.

މަޖިލީހުގައި މެމްބަރު ނިޔާޒް ހުށަހެޅުއްވި އެ އިސްލާހަށް ބަހުސް ކުރެއްވިއިރު، އެކަމަށް ތާއީދުކޮށް ބަހުސްކުރައްވާފައި ވަނީ އެމްޑީޕީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ މެމްބަރުން އެކަންޏެވެ. އަދި އެކަމާ ދެކޮޅަށް އެމްޑީޕީގައި ރައީސް މުޙައްމަދު ނަޝީދުގެ، ފިކުރެއްގެ ދިރުމަށް ނިސްބަތްވާ، މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ.

comment ކޮމެންޓް