ލ. ހިތަދުއާ ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް ވަނީ ފަށައިފިއެވެ. ގަރާރު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ހިތަދުއާ ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ގެ ރިޔާސީ ވައުދެއް ކަމަށެވެ.
ހިތަދުއާއި ކުނަހަންދުއަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ރައްޔިތުން ދިރިއުޅޭ ދެރަށް ކަމަށް ވެސް ގަރާރުގައިވެއެވެ. އަދި މި ދެ ރަށު ރައްޔިތުން އަބަދު ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަން ޖެހޭކަން ފާހަގަ ކޮށްފައިވެއެވެ.
އެހެން ކަމުން މި ދެ ރަށް ކޯޒްވޭއަކުން ގުޅާލުމަކީ އިގްތިޞާދީ އަދީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނަށް ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.
ގަރާރުގައި ބުނީ ރައީސް ޞާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ވެސް މި ވައުދު ނުފުއްދޭތީއާއި މަސައްކަތް އެމްޓީސީސީއާ މިއަހަރު ހަވާލުކުރި ނަމަވެސް ކޯޒްވޭގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން އެކަމުގެ ކަންބޮޑުން ދެ ރަށުގެ ރައްޔިތުން ވެސް ފާޅުކުރަމުންދާ ކަމަށެވެ. ވުމާއެކު އެ މައްސަކަތް އަވަސްކޮށްދިނުމަށް މެމްބަރު ވަނީ ގޮވާލައްވާފައެވެ.
ހިތަދުއާ ކުނަހަންދޫ ކޯޒްވޭގެ މަޝްރޫއަކީ ޖުމުލަ 8.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.