ލ. އަތޮޅުގެ ދެ ކޯޒްވޭއެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ހިތަދޫ އާއި ކުނަހަންދޫ އާއި ކަލައިދޫ އާއި ދަނބިދޫގެ ކޯޒްވޭ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި ދެ މަޝްރޫއުގެ ދަށުން ހިތަދޫ އާއި ކުނަހަންދު އާއި ކަލައިދޫ އަދި ދަނބިދޫ ކޯޒްވޭއަކުން ގުޅާލާނެއެވެ.

ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭގެ މަޝްރޫއަކީ ޖުމުލަ 8.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލ. އަތޮޅުގެ ދެ ކޯޒްވޭއެއްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން ކަޅައިދޫ އާއި މެންދުއާ ދެމެދު 157.7 މީޓަރުގެ ބްރިޖެއް އެޅުމާއި މެންދު އާއި ކުނަހަންދޫއާ ދެމެދު 157.7 މީޓަރުގެ ބްރިޖެއް އެޅުން ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓެއް އަޅައި 714 މީޓަރުގެ މަގު ހަދާނެއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މިއަދު ސޮއިކުރި ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭގެ މަޝްރޫއަކީ 155.9 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.

ލ. އަތޮޅުގެ ދެ ކޯޒްވޭއެއްގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން ކަލައިދޫ އިން ދަނބިދު އަށް 225 މީޓަރުގެ ތިން ބްރިޖު އަޅާނެއެވެ. އަދި 85 މީޓަރުގެ މަގު ހެދުމުގެ އިތުރުން 271 މީޓަރުގެ ރިވެޓްމެންޓު ވެސް އަޅާނެއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް