ހޯނޑެއްދުއަށް އިތުރު 30 ޓަނުގެ ފެން ފޯރުކޮށްދީފި

ގދ. ހޯނޑެއްދޫ --- ފޮޓޯ/ ފޭސްބުކް

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ފެނަށް ޖެހުނު ގދ. ހޯނޑެއްދުއަށް އިތުރު 30 ޓަނުގެ ފެން, ފެނަކައިން މިއަދު ފޯރުކޮށްދީފިއެވެ.

ހޯނޑެއްދޫ ފެނަށް ޖެހުނީ ވާރޭ ނުވެހި އޮންނަތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެފައި ވަނިކޮށެވެ. އެހެންވެ، އެ ރަށު ކައުންސިލުގެ އެދުމުގެ މަތިން ފެނަކައިން އެ ރަށަށް 20 ޓަނު ފެން ފޯރުކޮށްދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ނަމަވެސް, ހޯނޑެއްދޫ ކައުންސިލުން މީގެ ކުރިން ބުނީ، އެ ފެނުން ނުފުދޭ ކަމަށެވެ. އަދި, އެންމެ ފުރަތަމަ ވެސް އެދުނީ 50 ޓަނުގެ ފެން ފޯރުކޮށްދިނުމަށް ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެ ފެން ހުސްވުމުގެ ކުރިން އިތުރަށް ބޭނުންވާ ފެން ފޯރުކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ހޯނޑެއްދޫ ކައުންސިލުގެ ރައީސް، ހުސައިން ވާރިޝް މިރޭ "ސަން"އަށް ވިދާޅުވީ ފެނަކައިން އިތުރު 30 ޓަނުގެ ފެން މިއަދު އެ ރަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި، މިހާރު ކުރިއަށް ދަނީ ފެން ލޯޑުކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/176475

ހޯނޑެއްދޫގެ މިހާރުގެ ހާލަތާ ގުޅިގެން އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްކޮޅަކީ އެ ރަށަށް ވިއްސާރަ ދުވަސްވަރެކެވެ.

"ދެން ހިއެއް ނުވޭ ބޯފެނުގެ ޝޯޓޭޖެއް އުޅޭނެ ހެނެއް. މި ފެނުން ފުދޭނެ،" އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި ހޯނޑެއްދުއަށް ފެނުގެ ދަތިކަން ކުރިމަތިވުމާ އެކު، ރައްޔިތުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ނަމަވެސް ފެނަކައިން ފޯރުކޮށްދިން ފެނާ އެކު، އެ ރަށަށް ދިމާވެފައިވާ ފެނުގެދަތިކަން ހައްލުވާނެ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް