ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން 2148 މީހަކު، ސައުދީ އަރަބިއާގެ އެހީގައި ސަލާމަތްކޮށްފިއެވެ.
ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ސޫދާނުން ނެރެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ސައުދީގެ 114 މީހަކާއި އެހެން 62 ގައުމަކަށް ނިސްބަތްވާ 2034 މީހުންނެވެ.
އޭގެ ތެރޭގައި މިއަދު ސަލާމަތްކުރި ސައުދީގެ 13 މީހަކާއި އެހެން ގައުމުތަކުގެ 1674 މީހަކު ހިމެނެއެވެ. އެގޮތުން އިންޑިއާ އާއި ލަންކާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް އާއި ލަންކާގެ މީހުން ވެސް ހިމެނެއެވެ.
ސައުދީ ފޮރިން މިނިސްޓްރީން ވަނީ ސޫދާނުގައި ތިބި ބޭރު ގައުމުތަކުގެ މީހުން ރައްކާތެރިކަމާއެކު އަމިއްލަ ގައުމަށް ފޮނުވުމަށް އެހީތެރިވަމުން ގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައެވެ.
އިސްލާމީ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ކަމަށްވާ މުސްލިމް ވޯލްޑް ލީގް (އެމްޑަބްލިޔުއެލް)އިން ވަނީ ސައުދީން ސޫދާނުގެ ހަނގުރާމައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފުކޮށްފައެވެ. އަދި ސޫދާނުގައި ހަނގުރާމަ ކުރާ ފަރާތްތަކާ ވާހަކަދައްކައިގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލު ކުރުމަށް ސައުދީން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ސޫދާންގެ ސިފައިންނާއި ސިފައިންނަށް އެހީތެރިވުމަށް އުފައްދާފައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު މި މަހުގެ 15ގައި ފެށި ހަނގުރާމައިގައި މިހާތަނަށް 400އަށް ވުރެ ގިނަ މީހުން މަރުވެ، 3500އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
އާރްއެސްއެފް އަކީވެސް ސޫދާނުގެ ސިފައިންގެ ލަޝްކަރުތަކެކޭ އެއްގޮތަށް އެގައުމުގެ ސަރުކާރުގެ ރަސްމީ އަސްކަރީ ލަޝްކަރެކެވެ. ނަމަވެސް އެއީ ސިފައިންގެ ކޮމާންޑާ ވަކި ކޮމާންޑެއްގެ ދަށުގައި އޮންނަ ލަޝްކަރެކެވެ. އެލަޝްކަރުގެ ކޮމާންޑަރަކީ ސޫދާނުގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ނައިބު ރައީސް ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ އެވެ.
ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރަކީ ސޫދާނުގައި ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާންއެވެ.
ސޫދާނުގެ ކުރީގެ ރައީސް ޖެނެރަލް އުމަރު ޙަސަން އަހްމަދުލްބަޝީރުގެ ވެރިކަން 2019 ވަނަ އަހަރު އަސްކަރީ އިންގިލާބަކުން ވައްޓާލީ މިދެބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ. އެހެންކަމުން އެދެބޭފުޅުން ގެންދެވީ ވެރިކަންކުރާ އަސްކަރީ މަޖިލީހުގެ ވެރިންގެ ގޮތުގައި ތިއްބަވައިގެން އެކުގައި މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް ސޫދާން ހަނގުރާމަ ފެށިފައި ވަނީ، ވެރިކަމުގެ ބާރުތައް ދެމެހެއްޓުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި ދެބަސްވުންތައް އިތުރުވެ، ހަމަލާތައް ފެށުމުންނެވެ.