މާލޭ ރައްޔިތުންނަށް ލިޔުން ދޭނީ ގޯއްޗާއި ފްލެޓު ދައްކާފައި: އަސްލަމް

ޕްލޭނިންގް މިނިސްޓަރު މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ދޭން ވައުދުވެފައިވާ ފްލެޓާއި ގޯތި ލިބުނު ކަމުގެ ލިޔުން ހަވާލު ކުރާނީ އެތަން ދެއްކުމަށް ފަހުގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ހަވާލު ކުރި ހިޔާ ފްލެޓުތަކުގެ މިސާލު ނަންގަވައި މެމްބަރު ވަނީ މި ސަރުކާރުން ވެސް ރައްޔިތުންނަށް ގޯތި ދޭނީ ލިޔުން ހަވާލު ކުރާތާ އެތައް ދުވަހެއް ފަހުން ކަމަށްތޯ އައްސަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ސަރުކާރުން ދޭނެ ކަމަށާއި، ލިޔުން ދޭނީ އެތަން ދެއްކުމަށް ފަހު ކަމަށެވެ. ނަމަވެސް ބައެއް ފްލެޓުތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އަނެއްބައި ފްލެޓުތައް އެއްކޮށް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑުމެން އުއްމީދު ކުރި ހުރިހާ އެއްޗެހި 100 ޕަސެންޓް ނިމޭނެ ކަމަކަށް. ދެން އޮންގޮއިން މަސައްކަތްތައްވެސް ހުންނާނެ އޭގެ ތެރޭގައި ދައުރު ނިމިގެން ދާއިރު. އަޅުގަނޑަށް ފުރިހަމަ ޔަގީން ކަން އެބަ އޮތް އެ ގޯއްޗާއި ފްލެޓު ދެވޭނެ ކަމުގެ. އިއްޒަތްތެރި މެމްބަރު ފާހަގަކުރެއްވިހެން މިއަދު މި ތިބީ އުއްމީދުގައި. އެކަން ހަގީގަތަކަށް ވެގެން ދާނެ. މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު މިހެން ވިދާޅުވި ނަމަވެސް މިއަދު ވަކި ތާރީޚެއް ދެއްވާފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާތަކަށް މީގެ ކުރިން ހާޒިރުވެ، މިނިސްޓަރު ވަނީ އަންނަ ޖޫން މަހާއި މެއި މަހު އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަސްލަމްގެ ޖަވާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަމައްދު ނަޝީދު ވަނި އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވަނީ މަޖިލީހުގައި މެމްބަރުން ފާހަގަކުރާ ކަންބޮޑުވުންތަކަކީ ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މައްސަލަތަކެއްކަން ހަނދުމަފުޅު ބެހެއްޓެވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

އަދި، ހުޅުމާލޭގައި އާންމު ބައެއް ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކެއް އާބަންކޯގެ ވެރިންނަށް ބަހާފައިވާ ކަމަށް ބުނެ މި ފަހުން ފެންމަތިވެފައިވާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ގިނަ ރައްޔިތުން ދަތި ހާލަތުގައި ދިރިއުޅެމުން ދަނިކޮށް ރީބްރޭންޑް ކުރާ ކުންފުނިތަކުގެ އިސް މަގާމުތަކުގެ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރު ވެގެން ދިޔުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.

މާލޭގެ ރައްޔިތުން އެހެން ތިއްބައި ރީބްރޭންޑް ކުރާ ކުންފުނިތަކުގައި ޖަހާލާ ދިދަޔާ އެކުގައި ހުރިހާ މެނޭޖަރުންނަށާއި ޑައިރެކްޓަރުންނަށް ފްލެޓް ލިބުނީމާ އުނދަގޫ ވާނެ މާލޭގެ މެމްބަރުންނަށްވެސް އެކަން ވަރިހަމަ ކޮށްގެން ތިއްބަވަން. ރައީސް މުހައްމަދު ނަޝީދު

އެ ތުހުމަތުތަކާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނެއްގައި ވަނީ މުވައްޒަފުންނަށް ފްލެޓުތައް ބަހާފައި ނުވާނެ ކަމަށް ބުނެފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް, މާލެ ސަރަހައްދުން ބިން ދޫކުރަން ނިންމާފައިވާކަން އިޢުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމުގެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި އަދި ގުޅީފަޅުން މަދުވެގެން 2،000 ދޭނެ ކަމަށެވެ. ހަމައެހެންމެ ގިރާވަރު ފަޅު ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިހާތަނަށް އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާތީ، އެކަން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި މެމްބަރު އަލީ އާޒިމް ވަނީ މިދިޔަ މަހު މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް