މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑިދާނެ

މާލެ ސިޓީ މަތިން-- ސަން ފޮޓޯ/ފަޔާޒު މޫސާ

މާލޭގެ ގިނަ ހިސާބުތަކަކުން މިއަދު މެންދުރު ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގާއި، އަލިކިލެގެފާނު މަގާއި ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން މިއަދު 13:00 އިން 15:00އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އޭގެ އިތުރަށް، ހަމަ އެ ވަގުތު ގަލޮޅުގެ ބޮޑުތަކުރުފާނުމަގާއި، ހަވީރީމަގާއި ރަބީއީ ހިނގުމުގެ އިތުރުން ކާނޭޝަން މަގުން ވެސް ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އިތުރަށް، ސްޓެލްކޯއިން ބުނީ ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި މަޖީދީމަގުގެ އިތުރުން ޗަމްޕާމަގުން މިއަދު 14:00 އިން 16:00އަށް ކަރަންޓު ކެނޑިދާނެ ކަމަށެވެ.

ހަމަ އެ ވަގުތު، މާފަންނުގެ ބޮޑުތަކުރުފާނު މަގައި ބޮޑުފުންގަނޑު މަގާއި، މަޖީދީ މަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން ވެސް ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މައާފަށް އެދިފައިވާއިރު، އިއްޔެ ވެސް ވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ބައެއް ހިސާބުތަކުން ކަރަންޓު ކަނޑައިލައިފައެެވެ.

comment ކޮމެންޓް