ރޮނާލްޑޯ ކުރި ވަރަށް މަސައްކަތްކުރި ނަމަ، ރޫނީއަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދުނީސް: ވިޑިޗް

ވޭން ރޫނީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ، ޔުނައިޓެޑުގެ ޖާޒީގައި -- ފޮޓޯ/ ގެޓީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިސާލެއް ކަމަށް ބަލައިގެން ކުރިއަށްދިޔަ ނަމަ، އިނގިރޭސި ލެޖެންޑް ވޭން ރޫނީއަށް ވެސް ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދުނީސް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ނެމަންޔާ ވިޑިޗް ބުނެފިއެވެ.

ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ރޫނީ ކެރިއަރު ނިންމާލި ނަމަވެސް، ވިޑިޗް ވަނީ އޭނާގެ ފިޓްނަސްއާ މެދު ސުވާލުތަކެއް އުފައްދައިފައެވެ. އެގޮތުން ރޮނާލްޑޯއެކޭ އެއްގޮތަށް ފަރިތަކުރުންތައް ގެންދިޔަ ނަމަ، އެންމެ މަތީ ލެވެލްގައި ރޫނީއަށް ވެސް ހިފެހެއްޓޭނެ ކަމަށް ވިޑިޗް ގަބޫލުކުރެއެވެ.

ވިޑިޗާއެކު ރޮނާލްޑޯ އަދި ރޫނީއަކީ ވެސް ޔުނައިޓެޑަށް އެކުގައި ކުޅުންތެރިންނެވެ. ނަމަވެސް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ސޮއިކުރި ފަހުން، ރޫނީ އާއި ރޮނާލްޑޯގެ ގުޅުން ވަނީ ގޯސްވެފައެވެ.

"ރޮނާލްޑޯގެ އިންސްޓަގްރާމަށް ބަލައިލިޔަސް އެނގޭނެ އޭނާއަށް ކާމިޔާބު ހައްގުވާ މިންވަރު. ރޮނާލްޑޯ އުމުރުން 18، 19 އިން ފެށިގެން 21 އަހަރުގައި ވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަކޮށް މަސައްކަތްކުރި. އޭނާއަށް އެކަމުން ކާމިޔާބީތައް ހައްގު. އެކަމަކު އަހަރެން ދެކެނީ އެގޮތަށް ބަލަންޏާ، ރޫނީ ވަނީ ފެއިލް ވެފައި ކަމަށް. ރޫނީ ވެސް އެގޮތަށް މަސައްކަތްކުރި ނަމަ، އޭނާއަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދުނީސް،" 'ފައިވް ޕޮޑްކާސްޓް' ގައި ރިއޯ ފާޑިނަންޑާ ވާހަކަދައްކަމުން ވިޑިޗް ބުންޏެވެ.

ވިޑިޗް ބުނީ ރޮނާލްޑޯއަކީ ފިޒިކަލީ އަދި ޓެކްނިކަލީ ގޮތުން ވެސް މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އާއި ކާލޮސް ޓެވޭޒް ފަދަ ކުޅުންތެރިންނަކީ ޓީމަކަށް އެންމެ ބޭނުންވާނެ ފަދަ ކުޅުންތެރިން ކަމަށެވެ. އަދި އެއީ ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިންތަކެއް ކަމަށް ވެސް ވިޑިޗް ބުންޏެވެ.

މިހާރު އުމުރުން 37 އަހަރުގެ ރޫނީ ކުޅުން ހުއްޓާލީ 2021 ވަނަ އަހަރު ޑާބީ ކައުންޓީ އިންނެވެ. އޭނާ ވަނީ ޔުނައިޓެޑާއި ޑާބީ ކައުންޓީގެ އިތުރުން އެވަޓަން އަދި އެމެރިކާގެ ޑީސީ ޔުނައިޓެޑަށް ވެސް ކުޅެފައެވެ. މިހާރު ރޫނީ މަސައްކަތްކުރަމުންދަނީ ޑީސީ ޔުނައިޓެޑުގެ ކޯޗުގެ ގޮތުގައެވެ.

comment ކޮމެންޓް