ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ތެރޭ ތިބި 300 އަށްވުރެ ގިނަ މީހުން ސައުދީން ސަލާމަތްކޮށްފި

ސައުދީން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މީހުން ސަލާމަތްކުރުން --

ސޫދާންގެ ސިފައިންނާއި ސިފައިންނަށް އެހީތެރިވުމަށް އުފައްދާފައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާ ގުޅިގެން އެ ގައުމުގައި ތާށިވެފައި ތިބި އެހެން ގައުމުތަކުގެ 300އަށްވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއިން ސަލަމާތްކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ރޯޔަލް ސައުދީ ނޭވަލް ފޯސްއާއި އެ ގައުމުގެ އަސްކަރިއްޔާގެ އެހެނިހެން ގޮފިތަކާ ގުޅިގެންނެވެ. މިއީ ސޫދާންގެ ދާޚިލީ ހަނގުރާމަ ފެށި ފަހުން މީހުން ސަލަމާތް ކުރުމުގެ އޮޕަރޭޝަނެއް ފެށި ފުރަތަމަ ފަހަރެވެ.

ސައުދީން ބުނި ގޮތުގައި އެހެން ގައުމުތަކުން ވެސް މި ކަމުގައި އެ ގައުމަށް ބަރޯސާވުމަކީ މި ފަދަ ހާލަތްތަކުގައި އެ ގައުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރާ އިތުބާރު ހާމަވާ ކަމެކެވެ.

މިހާތަނަށް މި އޮޕަރޭޝަންތަކުގައި 12 ގައުމެއްގެ މީހުން ސަލާމަތްކޮށްފައިވެއެވެ. އެ ގައުމުތަކުގެ ތެރޭގައި ކުވެއިތު، ގަތަރު، ޔޫއޭއީ، މިސްރު، ޕާކިސްތާން އަދި އިންޑިއާ ހިމެނެއެވެ.

ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ޑިޕްލޮމެޓުންނާއި އެ ގައުމުގައި ހުރި އެމްބަސީތަކުގައި ތިބި އޮފިޝަލުން ހިމެނެއެވެ. އަދި އާންމު ރައްޔިތުން ވެސް ހިމެނެއެެވެ.

މީހުން ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ސޫދާނުން، ސައުދީގެ ޖިއްދާއަށް މިހާތަނަށް 356 މީހަކު ގެނެވިފައިވެއެވެ.

މީހުން ސަލާމަތްކުރުމުގެ ކަންކަން ކުރިއަށްދަނީ ސޫދާންގެ އަސްކަރިއްޔާގެ އެހީތެރިކަމާ ވެސް އެކުގައެވެ.

ސައުދީން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މީހުން ސަލާމަތްކުރުން --

އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުގައި އެ ގައުމުގެ ފުރިހަމަ އެއްބާރުލުން އެ މަސައްކަތުގައި ދޭނެއެވެ. އަދި، އެ މީހުންނަށް އެ މީހުންގެ އަސްލު ގައުމަށް ދިއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިިދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ހަނގުރާމައާ ގުޅިގެން ސޫދާނުގައި ހުރި ބޭރުގެ އެމްބަސީތައް ބަންދުކުރަން ވެސް ވަނީ ފަށައިފައެވެ.

މިހާތަނަށް އެމްބަސީތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ސައޫދީ އަރަބިއާ ހިމެނެއެވެ. ސޫދާނުގައި އެމްބަސީ ހުޅުވާފައިވާ އެހެން ގައުމުތަކުން ވެސް ގެންދަނީ އެމްބަސީތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް އެމްބަސީތައް ބަންދުކުރުމުގެ ކުރިން ކޮންމެ ގައުމަކުން ވެސް އިސްކަންދެނީ ސޫދާނުގައި ތިބޭ އެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އެ މީހުންގެ އާއިލާތައް ރައްކާތެރިކަމާ އެކު ސޫދާނުން ބޭރުކުރުމަށެވެ.

comment ކޮމެންޓް