34 އަހަރު އެމްއެންޑީއެފަށް ޚިދުމަތް ކުރެއްވި މޭޖާ ސަލީމް ނިޔާވެއްޖެ

މޭޖާ އަލީ ސަލީމް: ---- ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފަށް މެދުނުކެނޑި 34 އަހަރު ޚިދުމަތް ކުރެއްވި މޭޖާ އަލީ ސަލީމް ނިޔާވެއްޖެއެވެ.

މޭޖާ ސަލީމް ނިޔާވީ ކުއްލިއަކަށް ސިއްޙީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މޭޖާ ސަލީމަކީ ޚާއްސަކޮށް ފަޔާ ފައިޓަރުން ތަމްރީން ކުރެއްވުމުގައި ވަރަށް އިސް ދައުރެއް އަދާ ކުރެއްވި ބޭކަލެކެވެ. އަދި، ސިފައިންގެ ޔުނިޓެއްގެ ގޮތުގައި ފުރަތަމަ އެންއެސްއެސް ފަޔާ ސާވިސް އުފެއްދި އިރު ތިއްބެވި ފަސް ބޭކަލުންގެ ތެރެއިން ބޭކަލެކެވެ އޭނާ ގިނަ ދުވަސްތަކެއްގައި ޚިދުމަތް ކުރެއްވީ ފަޔާ އެންޑް ރެސްކިޔު ސާވިސްގައެވެ.

ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރުގެ މަގާމުގައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މޭޖާ އަލީ ސަލީމަކީ، ދިވެހި އަސްކަރީ ޚިދުމަތުގައި އިޚުލާސްތެރިކަމާއި ވަފާތެރިކަން މަތީ 34 އަހަރު ދުވަހު އަގުނުކުރެވޭ ފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެއް ކަމަށެވެ.

ބަލިވެ އުޅުއްވަމުން މިއަދު ވެސް ސަލީމް އޮފީހަށް ނުކުންނެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް