ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓް މޭ މަހު އާއްމު ކުރާނެ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓް، އަންނަ މޭ މަހު ޢާއްމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް މިރޭ ވިދާޅުވީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

އެގޮތުން ރެޖިސްޓްރޭޝަނަށް ހުޅުވާލުމަށް އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ވޯޓް ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ނިމުކަމާ ގާތަށް މިހާރު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ކުރިއަށް އޮތް މޭ މަހުގެ ދެވަނަ ދުވަހާ ހަމައަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އާއްމު ކުރެވޭތޯ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އީސީގެ މަސައްކަތްތައް ފަށާނެ ކަމަށެވެ.

މިހާތަނަށް 68 ރިސޯޓުގައި ވޯޓް ފޮށި ބަހައްޓަން އެދިފައިވާ ކަމަށާއި އަދި މި އަދަދު އެއަށްވުރެ ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި 260،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެން ދިޔަ ނަމަވެސް، މި ފަހަރުގެ އިންތިޚާބުގައި އެ އަދަދު 280،000އަށް ވުރެ އިތުރުވާނެ ކަމަށް އީސީން ލަފާ ކުރެއެވެ.

comment ކޮމެންޓް