މިދިޔަ މަހު ޖެންޑާއަށް 206 މައްސަލައެއް، ގިނައީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް

މިދިޔަ މަހު ކުޑަކުދިންނާ ގުޅޭ 98 މައްސަލައެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ޖުމުލަ 206 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ކޮންމެ މަހަކު ވެސް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް އާއްމުކުރާއިރު، މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭ ޖުމުލަ 98 މައްސަލައެއް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލައެވެ. އެގޮތުން އެފަދަ 29 މައްސަލައެއް ވަނީ ހުށަހަަޅައިފައެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 28 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ އަކާއި ޖިންސީ ހާނިއްކައިގެ 13 މައްސަލަ އަކާއި ނަފްސާނީ ހާނިއްކައިގެ ނުވަ މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ އެއް މައްސަލަ ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ އެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާއިރު، މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ޖެންޑާއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އާއިލީ ކަންކަމާ ގުޅުންހުރި 18 މައްސަލައެއް ހިމެނޭއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކެވެ. އެއީ އޭގެ 13 މައްސަލައެވެ. މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 12 މައްސަލައެއް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 25 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، އަޚުލާގާ ގުޅުންހުރި 16 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާއިރު، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ ތިން މައްސަލައެއް މިދިޔަ މަހު ވަނީ ޖެންޑާއަށް ރިޕޯޓްކޮށްފައެވެ. ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަތަރު މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ މައްސަލައެއް ވެސް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ.

ޖެންޑާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 186އެވެ. އަދި މިދިޔަ މަހު ދައުލަތަށް ތިން ކުއްޖަކު ނަގާފައިވާއިރު، އިތުރު ދެ ކުއްޖަކު ފޮސްޓާކޮށް، އެއް ކުއްޖަކު ރީއިންޓަގްރޭޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވައެވެ.

comment ކޮމެންޓް