މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

ސްޓެލްކޯ--- ސަން ފައިލް ފޮޓޯ

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މާލޭގެ މައްޗަންގޮޅީގެ ޗާންދަނީ މަގާއި، އިސްކަންދަރު މަގާއި، ދެވިނަ މަގާއި، ނިކަގަސްމަގުގެ އިތުރުން ދިލްބަހާރު މަގުން މިއަދު މެންދުރު 01:00އިން މެންދުރު 02:30އަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

އޭގެ އިތުރުން ގަލޮޅު އަދި ހެންވޭރުގެ މަޖީދީމަގާއި، ޝަބުނަމް މަގާއި، ކަރަންކާމަގާއި، އަބަދަށްފެހި މަގުގެ އިތުރުން، ހަދީބީމަގާއި ސޯސަން މަގުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ އެ ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ ނަމަ، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ޚިދުމަތް ދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ. އިއްޔެ ވެސް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑުނެވެ. އަދި ވޭތުވެދިޔަ ދުވަސްވަރު މާލެއަށް ހޫނު ވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު ވެސް ރެކޯޑް އަދަދަކަށް އިތުރުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް