މާލެ އަދި ހުޅުމާލޭ މަސްމާރުކޭޓުގައި މަހުގެ އަގުތައް މި ދެތިން ދުވަހު ވަރަށްބޮޑަށް އުފުލިއްޖެއެވެ.
މާލެ އަދި ހުޅުމާލޭ މަސްމާރުކޭޓުގައި މި ދެ ތިންދުވަހު މަހުގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 25 ރުފިޔާއަށް ވިއްކި ތާޒާ ކަނޑުމަސް ކިލޯއެއްގެ އަގު ވަނީ 40 ރުފިޔާއަށް އުފުލިފައެވެ.
ކުރިން 30 ރުފިޔާއަށް ކަންނެލި ކިލޯއެއް ވިއްކިނަމަވެސް މިއަދު ހުޅުމާލޭ މަސްމާރުކޭޓުގައި ކަންނެލި ކިލޯއެއްގެ އަގުހުރީ 50 ރުފިޔާއަށެވެ.
މަސްމާރުކޭޓުގައި މަސްވިއްކާ މީހުން ބުނާގޮތުގައި މިދުވަސްވަރު މަހުގެ އަގުތައް އުފުލުމުގެ މައިގަނޑު ސަބަބަކީ އީދު ބަންދުވުމާ ގުޅިގެން މާރުކޭޓަށް މަސް ގެންނަ އަދަދުވެސް މަދުވުމެވެ.

ހުޅުމާލޭ މަސް މާރުކޭޓަށް ކަންނެލިތަކެއް ގެންދިއުމަށް ކިރަނީ--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
ނަމަވެސް ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި މަސްވެރިން މަހަށް ފުރުމާއެކު ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި މަހުގެ އަގުތަށް ދަށަށްދާނޭކަމަށް ބެލެވޭކަމަށް މާރުކޭޓުގައި މަސްވިއްކާ މީހުން ބުނެއެވެ.
ކަނޑުމަހުގެ އިތުރުން މާލޭ އަދި ހުޅުމާލޭ މަސްމާރުކޭޓުގައި ފަރުމަހުގެ އަގުތައްވެސް އުޅެނީ ވަރަށް މަތީގައެވެ.

މާލޭ މަސްމާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި ފަރުމަސްތަކެއް--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން
މިގޮތުން ހުޅުމާލޭ މަސް މާރުކޭޓުގައި މާނިޔާމަސް ކިލޯއެއް 50 ރުފިޔާގައި ހުރިއިރު، ފަނިހަނދި ކިލޯއެއްގެ އަގު މިއަދު ހުރީ 65 ރުފިޔާއަށެވެ. ހެޔޮވަރު ސައިޒެއްގެ ރަތްމަހެއްގެ އަގު 250 ރުފިޔާގައި ހުރިއިރު، ކިރުޅިޔަމަސް ކިލޯއެއްގެ އަގު ހުރީ 65 ރުފިޔާއިން މަތީގައެވެ. މާލޭގެ މަސްމާރުކޭޓުގައިވެސް ފަރުމަހުގެ އަގުތައް ހުރީ ގާތްގަނޑަކަށް މި އަގުތަކުގައެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް މަސް މާރުކޭޓުގައި މަހުގެ އަގުތައް އުފުލެއެވެ.