ޔޫސޭގެ މެސެޖެއް ވިޔަފާރިވެރިންނަށް: މުއްދަތު ހަމަވާ ތަކެތި އުކައިނުލާ ޞަދަޤާތް ކުރޭ!

ޔޫސުފް ރަފީއު (ޔޫސޭ)ގެ "ދިރިއުޅުމަކީ މިއީބާ؟"ގެ ކޮންމެ އެޕިސޯޑަކުން ވެސް ފެންނަނީ އިޖުތިމާއީ ބޮޑެތި މައްސަލަތަކެެވެ. އޭގެން ވެސް، އޭނާ ރާއްޖޭގެ މުޖުތަމައުއާ ދޭތެރޭ ވިސްނާ މިންވަރު ހާމަވެއެވެ.

މިހާރު ވެސް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިޖުތިމާއީ އެކި މައްސަލަތައް ޔޫސޭ އަންނަނީ ފެންމަތިކުރަމުންނެވެ.

މާލޭ ތިން ރުއް ޕާކު ސަރަހައްދުން ޔޫސޭއަށް ކުރެވުނު ތަޖުރިބާ އޭނާ ހިއްސާކޮށްފައި ވަނީ ނުހަނު ކަންބޮޑުވުމާއެކުއެވެ.

ޔޫސޭ އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ބޮޑު ޕިކަޕެއް ފުރައި ބަރުކޮށްފައި ހުރި މުދާތަކެއް އެ ތަނުގައި ބަދަރު ކޮށްފައި އޮތް ދޯންޏަކަށް ހުސްކުރުމުގައި ހަތަރު ބިދޭސީއަކު އަވަދިނެތި އުޅޭ މަންޒަރެވެ.

އެއީ ކޮންތާކަށް ގެންދާ ސާމާނެއްކަން އޮޅުން ފިލުވުމުން އެނގުނީ އެއީ މުއްދަތު ހަމަވެގެން ފިހާރަތަކުން އުކާލުމަށް ތިލަފުއްޓަށް ގެންދާ މުދާ ކަމެވެ. ވީޑިއޯއިން ގިނައިން ފެންނަނީ ޖޫސް ޕެކެޓު ކޭސް ފަދަ ބުއިމުގެ ބާވަތްތަކެވެ.

އޭގެތެރޭގައި ކެއްކުމަށް ބޭނުންކުރާ ޓޮމާޓޯ ޕޭސްޓު ދަޅުފަދަ ބައެއް ސާމާނު ވެސް ހިމެނެއެވެ.

އެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ބުނީ ދުވާލެއްގެ މައްޗަށް އޭގެ ސަތޭކަ ވަރަކަށް ޝިޕްމަންޓު އުކާލަން ތިލަފުށްޓަށް ގެންދާކަމަށެވެ.

އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޔޫސޭ ވަނީ އެ ވީޑިއޯ މެދުވެރިކޮށް ވިޔަފާރިވެރިންނަށް މެސެޖެއް ދީފައެވެ. އެގޮތުން ގަނޑުކޮށް ގަންނަ މުދާ ނުވިކި ގިނަ ދުވަސްވެ މުއްދަތު ހަމަވަންދެން ގުދަން ކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ބޭނުންޖެހޭ މީހުންނަށް އެ ތަކެތިން ޞަދަޤާތް ކުރުމަށް އޭނާ ވަނީ އެދިފައެވެ.

"މިހެން އުކާލީމަ ކިހާ އިސްރާފެއް މިވަނީ. ނިކަމެތިން އުޅޭނެ. ހަމަ އެމީހުންނަށް ބަހާލީމަ ނިމުނީތާ." ޔޫސޭ ބުންޏެވެ.

އެ ސަރަހައްދުގައި ހުރި އެހެން މީހަކު ބުނި ގޮތުގައި އެއީ އާންމުކޮށް ވެސް ހިނގާ ކަމެކެވެ. ތިލަފުއްޓަށް އެ ޒާތުގެ ބޮޑެތި ކޮންޓެއިނަރު ގެންދެއެވެ. މުޅީން ވެސް މުއްދަތު ހަމަވެގެން އުކާލާ ސަމާނެވެ.

މުދަލާއި ފައިސާއަކީ މާތް ﷲ އި'ންސާނުންނަށް ދެއްވި ނިޢުމަތަކަށް ވީހިނދު، އެ ކަލާނގެ އަންގަވާފައިވާ ގޮތަށް ގޮތަށް މުދަލާއި ފައިސާ ހޭދަ ކުރުމަކީ ސުވަރުގެއަށް ވާސިލުވުމުގެ މަގެކެވެ.

މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންނުވެއެވެ!"

މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަޙީ ކުރައްވައިފައިވާ ކަމެއް ކަން މި އާޔަތުން ވެސް ސާފުވެއެވެ.

މުއްދަތު ހަމަވާން ކައިރިވެފައިވާ ތަކެތި ހެޔޮ އަގުގައި ވިއްކާ ފިހާރަތައް މާލެ ތެރޭގައި ވަރަށް ގިނައެވެ. އަދި ސަދަގާތުގެ ގޮތުގައި ބަހާ މީހުން މަދުން ނަމަވެސް އުޅެއެވެ.

އިސްލާމީ ގައުމެއް ނަމަވެސް ދިވެހީންގެ ތެރޭގައި ކާބޯތަކެތި އިސްރާފު ކުރުމުގެ ކަންކަން އޮތީ އެންމެ ރަނގަޅު ދަރަޖައިގަ އެއް ނޫނެވެ. ކާބޯތަކެތި އިސްރާފު ވެގެންދާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އަވަށްޓެރިންނަށާއި ނިކަމެތިންނަށް ހަދިޔާ ކުރުމުގައި ގިނަ ގުނަ ދަރުމަވެއެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔައިފައިވާއިރު، ކާބޯތަކެއްޗަށް ބޭނުން ޖެހިފައިވާ އެތައް މުސްލިމުންނެއް ދުނިޔޭގެ އެކި ހިސާބު ތަކުގައި ތިބިއިރު، މިފަދަ ތަކެތި އިސްރާފުވިޔަނުދީ ބޭނުންހިފޭނޭ މުއްދަތު އޮއްވައި އެތަކެތި އެގައުމުތަކަށް ހަދިޔާ ކުރުމުގެ އިންތިޒާމް ވެސް ހަމަޖެއްސުނީހެވެ.

މި ވީޑިއޯ މެދުވެރިކޮށް ޔޫސޭ ގޮވައިލީ އިސްރާފު ނުކުރުމަށެވެ. މުދަލާއި ތަނަވަސް ކަމަކީ އިމްތިހާނެއް ކަން ހަނދާންކޮށްދީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ޔޫސޭ ނަސޭހަތްތެރިވިއެވެ.

comment ކޮމެންޓް