އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރުމަށް ޔޫސޭ ފޯމް ހުށަހަޅައިފި

ޔޫސޭ: މި އަހަރު އޮން މަޖިލިސް އިންތިހާބްގައި މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލޭ މެންބަރުކަން މީގެ ކުރިން ކުރެއްވި މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުއްވުމަށް ފަހު ސޯޝަލް މީޑިއާގައި އާންމު ކުރި ވީޑިއޯއެއްގައި ޔޫސޭ ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އޭނާ ވާދަކުރުމަށް ނިންމާފައި ވަނީ މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ އަބަދު ވެސް ތިޔަ ބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވާ ލޯތްބާއި އިހްތިރާމް މިފަހަރު ވެސް ދެއްވާނެ ކަމަށް. އަބަދަށް ވެސް ދެއްވާނެ ކަމަށް،" ސޯޝަލް މީޑިއާގައި ޔޫސޭ އާންމުކުރި ކުރު ވީޑިއޯއެއްގައި ވިދާޅުވި އެވެ.

ހާއްސަ މަޖިލީހުގެ މެންބަރުކަމަށް 1988 ވަނަ އަހަރު އިންތިހާބުވި ޔޫސޭ ވަނީ އެއް ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އޭގެ ފަހުން ވެސް އެތައް ފަހަރަކު މަޖިލީހަށް ޔޫސޭ ކުރިމަތިލެއްވި ނަމަވެސް އިންތިހާބް ކާމިޔާބްވެފައެއް ނުވެ އެވެ.

މާފަންނު ދެކުނު ދާއިރާގެ މިހާރުގެ ޕީޕީއެމް މެންބަރު އަބްދުﷲ ރިފާއު، މިފަހަރުގެ އިންތިޚާބުގައި ވެސް ކުރިމަތިލައްވަ އެވެ. އަދި ސަރުކާރުގެ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އިން ވެސް އެ ދާއިރާއަށް ވާދަކުރެ އެވެ.

comment ކޮމެންޓް