ޒިދާން، ޔުވެންޓަސްއާ ހަވާލުވަނީ!

ރެއާލް މެޑްރިޑްގެ ތާރިޙުގައި ވެސް އެންމެ ކާމިޔާބު ކޯޗު، ޒައިނުއްދީން ޒިދާން --- ފޮޓޯ/ ޖޯ ރައިޓް

ކޯޗުކަމަށް އެނބުރި އައިސް، ޔުވެންޓަސްއާ ހަވާލުވާން ޒައިނުއްދީން ޒިދާން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑުގެ ކޯޗުކަމުން 2021 ވަނަ އަހަރު ވަކިވުމަށްފަހު، އެއްވެސް ޓީމަކަށް ޒިދާން އިރުޝާދު ދީފައެއް ނުވެއެވެ.

'އާރުއެމްސީ ސްޕޯޓް' އިން ރިޕޯޓުކުރާ ގޮތުގައި މަސިމިލިއާނޯ އަލެގްރީގެ ބަދަލުގައި އަންނަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވާން ޒިދާން ވަނީ އެކްލަބުގެ ވެރިންނާ މަޝްވަރާތައް ކޮށްފައެވެ. އަދި ޔުވެންޓަސްއާ އޭނާ ގުޅޭނީ ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މެޑްރިޑުގެ ކޯޗުކަމުން ދުރަށް ދިއުމަށްފަހު ޒިދާން ހޯދުމަށް ޓީމުތަކަކުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ފްރާންސް ގައުމީ ޓީމާއި ބްރެޒިލް ގައުމީ ޓީމު އަދި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ވެސް މަސައްކަތްކުރިއެވެ. އޭގެ އިތުރުން މީގެ ކުރިން 2019 ވަނަ އަހަރު ޔުވެންޓަސް އިން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

ޒިދާން ވަނީ ފަސް އަހަރުގެ މުއްދަތަކަށް ކުޅުންތެރިއެއްގެ ގޮތުގައި ޔުވެންޓަސްގައި ހޭދަކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދެ ފަހަރު އިޓަލީ ލީގު ކާމިޔާބުކޮށް، ޔުވެންޓަސްއާއެކު ދެ ސީޒަނެއްގައި ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައެވެ. އެއަށްފަހު މެޑްރިޑާ ގުޅުމަށްފަހު، އެކްލަބަށް ވެސް ފަސް އަހަރު ކުޅުނެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ މެޑްރިޑާއެކު ސްޕެނިޝް ލަލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުިކޮށްފައެވެ.

ކުޅުންތެރިއެއްގެ އިތުރުން ޒިދާން ވަނީ ކާމިޔާބު ކޯޗެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވިފައެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ހަތަރު އަހަރު މެޑްރިޑަށް އިރުޝާދުދީފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ މެޑްރިޑަށް ތިން ޗެމްޕިއަންސް ލީގާއި ދެ ސްޕެނިޝް ލަލީގާ ހޯދައިދީފައެވެ.

comment ކޮމެންޓް