އިންތިޚާބަކާ ނުލައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑިއެއް ޕީޕީއެމްއަށް ލިބިއްޖެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު، މިއަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބުތަކުގެ ތެރެއިން ވޯޓަކާ ނުލައި މެންބަރުން ހޮވުނީ، ށ.މާއުނގޫދޫ، ރ.މީދޫ، އަދި ގދ.ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ. އެ ތިން ރަށުން ވެސް ގޮނޑި ލިބިފައިވަނީ ޕީޕީއެމްއަށެވެ.
މާއުނގޫދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޢާއިޝަތު ޙަނީފާއެވެ. އަދި ރ. މީދޫ އަންހެނުންގެ ކޮމެޓީގެ މެންބަރުކަމަށް ވަސީމާ އިބްރާހީމް ހޮވިފައިވާއިރު، ގދ. ވާދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ހޮވުނީ ލިއުޝާ އިބްރާހީމްއެވެ.
ޤާނޫނުގައި އެންމެ ފުރަތަމަ އޮތް ގޮތުން އަންހެނުންގެ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދީފި ނަމަ، 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ.
ނަމަވެސް ގާނޫނަށް ފަހުން ގެނައި ބަދަލާއެކު އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ. އަދި އަންހެނުންގެ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ގާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބު ބާއްވަންޖެހެއެވެ.
މި ބަދަލާއެކު މި އަހަރު ބާއްވާ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަންސްތައް ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ތައާވަލުކުރީ ޖޫން މަހުގެ 17 ވަނަ ދުވަހަށެވެ. އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަންސް ބާއްވާ ގޮތަށް އެންމެ ފުރަތަމަ އޮތް ނަމަވެސް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު ހަމަވިއިރު ފ.ބިލެއްދޫ އަންހެނުންގެ ކޮމެޓީ މެންބަރުކަމަށް ފިޔަވައި، ހުރިހާ ރަށެއްގެ އަންހެނުންގެ ކޮމެޓީތަކަށް ވަނީ ކުރިމަތިލައިފައެވެ.
އޭގެ ތެރެއިން ތިން ރަށެއްގެ އަންހެނުންގެ ކޮމެޓީއަށް ކުރިމަތިލާފައިވަނީ އެންމެ ކެނޑިޑޭޓަކު ކަމަށްވުމުން، ވޯޓަކާ ނުލައި އެ ގޮނޑިތަކަށް ކުރިމަތިލި މެމްބަރުން އިންތިޚާބުވެފައިވާއިރު، ދެން ޖޫން މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަ ރަށެއްގައެވެ.
އަންހެނުންގެ ކޮމިޓީއާ ގުޅިގެން ގެނައި ބަދަލުތައް ގެނެސްފައި ވަނީ އެ ބައި އިލެކްޝަންތަކަށް އީސީން ބޮޑު ޚަރަދެއް ކުރަން ޖެހޭތީކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. އެގޮތުން ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވި އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.