ގައުމީ މައްސަލަތަކުގައި ކަންބޮޑުވެ ރައްޔިތުންގެ އިހުސާސްތައް ދަންނަނަމަ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދާންވާނީ ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަދިނުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ފާއިތުވި ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ކުރާ ފަރާތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ވަނީ ނަގަން ފަށާފައެވެ.
ނަަމަވެސް ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު ކޮތަޅުބޮނޑީގެ އަގު އުފުލުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންކަމުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިތައް ހިމެނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްވަމުން ޝިފާއު ވިދާޅުވީ ސަރުކާރުން އެ ފީ ނަގަން ނިންމީ ރައްޔިތުން އަތުން އިތުރު ފީއެއް ނަގަން ނޫން ކަމަށެވެ. ނަމަވެސް އެއީ ޕްލާސްޓިކާ ދުރުވުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގައި އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑި ހިމަނާފައިވާ ކަމަށެވެ. ނަމަވެސް، ބިލު މަޖިލީހުން ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އަންނަ މަހުގެ އެއް ވަނަ ދުވަހު ޗުއްޓީއަށްދިއުމުގެ ކުރިން ނުވަތަ ޗުއްޓީއަށް ދިޔުމަށް ކަނޑައަޅާފައިވާ ދުވަސް ފަސް ކުރުމަށް ފަހު ވެސް އެ ބިލުގެ މަސައްކަތް ނިންމާ އެ މައްސަލައަށް ހައްލެއް ހޯދުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޝިފާއު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެންމެން އެއްބަސް ކިޔައިގެން ބިލުގެ މަސައްކަތް ޗުއްޓީއަށް ދިޔުމުގެ ކުރިން ނިންމަން ޖެހޭ. އެއީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ މުހިއްމު މައްސަލައެއް،" ޝިފާއު ވިދާޅުވިއެވެ.
ކޮތަޅުބޮނޑި އަގުބޮޑުވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހޭތީއެވެ. އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށް ވެފައި ކޮންމެ ކޮތަޅަކުން ދެ ރުފިޔާގެ ރޭޓުން ޖުމުލަ 200 ރުފިޔާ ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.
ސަރުކާރުން ބުނީ 50 އަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ފީ ނަގަން ނުޖެހޭ އިސްލާހު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި އިސްލާހު ފާސްވުމުން މި ކަމަށް ހައްލު ލިބޭނޭ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެތީ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.