ފެން ކޮތަޅަކުން ރެކެން އުޅެގެން އެކްސިޑެންޓްވެ އައިސީޔޫގައި، ހާލު ސީރިއަސް

އަނިޔާވި މީހުން ގެންދަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކުގައި އީދާ ދިމާކޮށް ފެން ކުލަ ޖަހަން އުޅުނު ބަޔެއްގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ފުވައްމުލައް ސިޓީގެ މެދު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފިކުރީ "ސަން" އަށް ވިދާޅުވީ މިއަދު ހަވީރު ފަހެއް ޖަހާކަށް ހާއިރު ހިނގި އެ ހާދިސާގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ސައިކަލުގައި ދުއްވާފައި ދަނިކޮށް އެވަގުތު މަގުމަތީގައި ކުލަ ޖަހަމުން ދިޔަ ބަޔަކު އެ މީހުންގެ ގަޔަށް ކުލަ ޖެހުމުން، ސައިކަލު ދުއްވަން އިން މީހާ ޕެނިކްވެ، ސައިކަލު ކޮންޓްރޯލް ނުވެގެންނެވެ.

ހާދިސާގައި އަނިޔާވެފައި ވަނީ 20 އަހަރުގެ އަންހެނަކަށާއި، 61 އަހަރުގެ ފިރިހެނަކަށެވެ.

ފުވައްމުލަށް ހޮސްޕިޓަލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި މުހައްމަދު ލިރާރު "ސަން" އަށް ވިދާޅުވީ އޭގެތެރެއިން އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އެގޮތުން އޭނާގެ ކަންފަތުން ލޭ އަންނަމުންދާއިރު ސިނކުޑިއަށް އަނިޔާ ލިބިފައިވާ ކަމަށް ބެލެވެއެވެ.

އާސަންދައާއި މޯލްޑިވިއަންގެ އެހީގައި މިރޭ މެންދަމުގެ ވަގުތެއްގައި ޗާޓާޑް ފްލައިޓަކުން އެ ދެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލިރާރު ވިދާޅުވިއެވެ.

އީދުގެ އުފަލުގައި ފެން ޖެހުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާންމުކޮށް ކުރަމުން އަންނަ ކަމަކަށް ވީނަމަވެސް، މީހުންނަށާއި މުދަލަށް ބެލުމެއް ނެތި އެފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް