އިހަވަންދޫގައި 40 ދުވަހު ޖަމާއަތުގައި ނަމާދު ކުރާ ކުދިންނަށް ބައިސްކަލެއް

ހއ. އިހަވަންދޫ: އިވަހަންދޫގައި 40 ދުވަހު ޖަމާއަތުގައި ނަމާދު ކުރާ ކުދިންނަށް ބައިސްކަލެއް ދޭނެ ---

މެދުނުކެނޑި 40 ދުވަހު ޖަމާއަތުގައި ނަމާދުކުރާ ކުދިންނަށް އިނާމުގެ ގޮތުގައި ބައިސްކަލެއް ދޭން ހއ. އިހަވަންދޫގެ އިމާމުން ނިންމައިފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރުމުން އިނާމު ދޭ ޕްރޮގްރާމަކީ އެ ރަށު، މަސްޖިދުލް ތައާވުންގެ އިމާމުން އިސްނަގައިގެން ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ.

ސޮބާހު ވިދާޅުވީ މި ޕްރޮގްރާމްގެ މަގުސަދަކީ ބޮޑެތިވަމުން އަންނަ ކުދީންގެ ހިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި އެހެނިހެން އަޅުކަންތަކަށް އޮންނަ ލޯބި އިތުރުކުރުން ކަމަށެވެ. އަދި ރޯދަ މަހު ޒުވާނުން ދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެ މަތީގައި އެހެން މަސްމަހުގައި ވެސް ސާބިވެ، ތިބުމަށް ހިތްވަރުދިނުން ކަމަށް ސޮބާހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 40 ދުވަސް ވަންދެން އެ މިސްކިތަށް ޖަމާއަތަށް ދާ ހުރިހާ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ބައިކަލެއް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުދިންގެ ނަމާދު ހާޒިރީ ގަވާއިދުން ބަލަހައްޓަމުން ގެންދާނެ ކަމަށާއި އެކަން ކުރައްވާނީ އިމާމުން ގުޅިގެން ކަމަށެވެ.

"ޚާއްސަކޮށް ފަތިސް ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ކުދިން މަދުކަން ފާހަގަ ކުރެވޭ. ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެކަމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދިނުން. އަދި ބައިސްކަލްގެ އިތުރުން ކޮންމެ 10 ދުވަހަކުން ބަރާބަރަށް މިސްކިތަށް އައިސް ނަމާދު ކުރާ ކުދިންނަށް ވެސް ހަދިޔާ ދޭނެ." ސޮބާހު ވިދާޅުވިއެވެ.

ސޮބާހް ވިދާޅުވީ މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބައިސްކަލް ލިބޭނީ ގްރޭޑް އެކަކުން ހަތަކާއި ދެމެދުގެ ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކަމަށެވެ.

"މިއީ އަދި ފެށުމެއް. ކުރިއަށް އޮތް ތަނުގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ،" ސޮބާހު ވިދާޅުވިއެވެ.

އާބާދީގައި 3،335 މީހުން ތިބޭ އިހަވަންދޫގައި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ހިމަނާފައިވާ އެ ރަށުގެ ހުކުރު މިސްކިތާއެކު ނަމާދު ކުރުމަށް ޖުމުލަ ފަސް މިސްކިތް ހުރެއެވެ. އޭގެން ކޮންމެ މިސްކިތެއްގައި އިމާމުން ތިބެއެވެ.

comment ކޮމެންޓް