ކެނދިކުޅުދޫ ގޭދޮށު މަސްފެކްޓްރީ ހުވަފެނުގައި ކުލަޖެހެނީ، މަސައްކަތް ހަވާލުކޮށްފި

ގޭދޮށު މަސްފެކްޓްރީގެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ސޮއިކުރުން --

އިންޑިއާ ސަރުކާރުގެ އެހީގައި ނ. ކެނދިކުޅުދޫގައި ގާއިމްކުރާ ގޭދޮށު މަސްފެކްޓްރީގެ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތަށް 4.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ފެކްޓްރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 'ހަނދު އިންސްވެސްޓްމެންޓްސް' ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ކެނދިކުޅުދޫގައި ގޭދޮށު މަސްފެކްޓްރީ އެޅުމަށް އިންޑިއާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

އެ ޕްރޮޖެކްޓަކީ ފަސް މިލިއަނަށްވުރެ އަގުބޮޑު ޕްރޮޖެކްޓަކަށް ވާތީ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކުރީ ޓެންޑާ ބޯޑުންނެވެ.

އެހެން ނަމަވެސް، ތިން ފަހަރުމަތިން އިއުލާންކޮށްގެން ވެސް އެއްވެސް ފަރާތަކުން މި މަަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

ކެނދިކުޅުދޫ ކައުންސިލް މެންބަރު މުހައްމަދު ޝާހިދު މިއަދު "ސަން"އަށް ވިދާޅުވީ ޓެންޑާ ބޯޑުން ތިން ފަހަރު އިއުލާންކޮށްގެން ވެސް ބަޔަކު ނުވުމުން އެ މަސައްކަތަށް އިއުލާން ކުރުުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ކައުންސިލަށް ދިނީ ކަމަށެވެ. އަދި ކައުންސިލުން ނިންމީ ދެ ބަޔަށް ޕްރޮޖެކްޓު ބަހާލައިގެން އިއުލާން ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އިމާރާތް ކުރުމުގެ ބައި ވަކި ބަޔަކަށް ހަދާފައި މެޝިނަރީ ހޯދުން ވަކި ޕްރޮޖެކްޓަކަށް ހަދާފައި. އޭރަށް ފަސް މިލިއަނަށްވުރެ ކުޑަ ވާނެތާ،" ޝާހިދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މެޝިނަރީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރެވޭނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ޝާހިދު ވިދާޅުވީ، ކެނދިކުޅުދޫގައި ވެސް މަސްވެރިކަން ކުރާ ބަޔަކު ނޫޅޭ ކަމަށާއި މަދުން ނަމަވެސް އުޅެނީ ފަރުމަހަށް ދާ މީހުން ކަމަށެވެ.

"ފަރުމަސްގަނެ މަސް ބޭރު ކުރާ މީހުން ވެސް އެބައުޅޭ. ފެކްޓްރީ އެޅި އައިސްއާ އެއްޗެހި ލިބުމުން މި ކަން އިތުރަށް ފުޅާވެގެން ދާނެ،" ޝާހިދު ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން ކެނދިކުޅުދޫގައި ތަރައްގީކުރާ ގޭދޮށު މަސް ފެކްޓްރީގައި 20 ޓަނުގެ އައިސް އުފައްދާ އައިސް ޕުލާންޓަކާއި، 30 ޓަނުގެ މަސް ރައްކާކުރެވޭނެ އައިސް ސުޓޯރުތަކެއް ތަރައްގީކުރަން ޖެހޭނެއެވެ.

އަދި މަސްކަނޑާ 10 ސްޓޭޝަނާއި، ޑިޖިޓަލް ސްކޭލް ބޭނުންކޮށް މަސްކިރާނެ ފަސް ސަރަހައްދެއްގެ އިތުރުން މަސް ޕްރޮސެސްކޮށް ބަންދުކުރާ ހަ ސްޓޭޝަނެއް ތަރައްގީކުރަން ޖެހެއެވެ.

މީގެ އިތުރުން އޮފީސް ކޮޓަރިއަކާއި، ތަހުލީލުކޮށް، ކޮލެޓީ ޗެކުކުރާނެ ލެބޯޓަރީއެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ގާއިމްކުރުން ވެސް ހިމެނެއެވެ.

ގޭ ދޮށު މަސް ފެކްޓްރީގެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް