މަރަޑޯނާގެ މަރުގެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާ --- ފޮޓޯ/ އޭޕީ

އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ މަރުގެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަށް ނިންމައިފިއެވެ.

އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލައިގައި އަށް ސިއްހީ ހިދުމަތްތެރިޔަކަށް ވަނީ ދައުވާކޮށްފައެވެ. އެމީހުންނަށް ދައުވާކޮށްފައިވަނީ އިހުމާލުން މީހަކު މަރާލުމުގެ ތުހުމަތުގައެވެ. ނަމަވެސް އޭނާގެ އޯޓޮޕްސީން އިހުމާލެއް އޮތް ކަމަކަށް ނުދައްކައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ މަރަޑޯނާ މަރުވެފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާގެ އުމުރުން 60 އަހަރެވެ. އޭނާ މަރުވީ ސިކުނޑީގެ ސާޖަރީއެއް ކުރިތާ ދުވަސްކޮޅެއް ފަހުން ހިތް ހުއްޓިގެންނެވެ.

އާޖެންޓީނާގެ ސެން އިސިޑްރޯގެ ކޯޓަކުން ތިން ފަނޑިޔާރަކު ވަނީ، ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ފަރުވާ ކުޑަކުރިކަމަށް ކުރި ދައުވާއަށް ތާއީދުކޮށްފައެވެ. މަރަޑޯނާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ނިއުރޯސާޖަންއަކާއި ދެ ސައިކޭޓްރިސްޓަކާއި ދެ ޑޮކްޓަރުންނާއި ތިން ނަރުހުން ހިމެނެއެވެ.

ކޯޓުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގައި ޝަރީއަތް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައެވެ. އަދި އެ އަށް މީހުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ވަނީ ނިންމައިފައެވެ.

މަރަޑޯނާއަކީ އާޖެންޓީނާއަށް 1986 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.

comment ކޮމެންޓް