ބޭރުގެ އަސްކަރިއްޔާތަކާ އެކު މަސައްކަތްކުރަނީ ސިފައިންގެ ގާބިލުކަން އިތުރުކުރަން: ޝަމާލް

ބޭރުގެ އަސްކަރިއްޔާތަކާ އެކު މަސައްކަތް ކުރުމުގެ މައިގަނޑު އަމާޒަކީ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުން ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ 131 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި ޝަމާލް ވިދާޅުވީ ދިވެހި ފަސްގަނޑުގެ މިނިވަންކަމާ އިސްތިގްލާލު އަދި ސިޔާދަތު ނަގަހައްޓާ، ދިފާއުކުރުމުގައި، ސިފައިން އަބަދުވެސް ތިބޭނީ ކެރިގެން، ހުޝިޔާރުކަންމަތީ ތައްޔާރަށް ކަމަށެވެ. އަދި ސިފައިން އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ ރައްކާތެރިކަމާ ގައުމީ މަސްލަހަތު ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ދިފާއުކޮށް، ސިފައިންގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި ފާއިތުވި އަހަރުވެސް ގިނަ އަދި މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ. އެގޮތުން ހޯދަންޖެހޭ ވަސީލަތްތަކާ، ޒަމާނީ ހަތިޔާރާ، އޮޕަރޭޝަން ސެންޓަރުތައް ގާއިމްކުރެވިފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެޕްސްޓޯން ޑޮކްޓްރީން ފާހަގަކުރާ ފުޅާ، އޮޕަރޭޝަން ރޯލަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ވެސް ކުރެވި އަދި މިހާރުވެސް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަން،" ޝަމާލް ވިދާޅުވިއެވެ.

ހަމައެހެންމެ، އެހެން ގައުމުތަކާ ގުޅިގެން ސަރަހައްދީ ސަލާމަތަށް ހުރި ގޮންޖެހުންތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތް ވެސް ކުރެވެމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭރު ގައުމުތަކާއެކީ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުންވެސް ރާއްޖޭގެ ރައްކާތެރިކަމާ ގައުމީ މަސްލަހަތު ކުރިއަރުވަން އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލް ރައްކާތެރިކޮށް، ދިފާއުކުރުމަށް ކުރިއެރުންތައް ލިބިގެންދާ ކަން އުފަލާއެކު ފާހަގަކުރަން،" ޝަމާލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ޚިދުމަތުގެ އެންމެ މުހިއްމު އެއް އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދިޔުން ކަމަށެވެ. އެގޮތުން ގައުމީ ދިފާއީ ބާރަކީ ރައްޔިތުންގެ އިތުބާރު އޮތް، ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެ އަމާޒަށް ވާސިލުވުމަށް ފާއިތުވި އަހަރު ވެސް ގިނަ ހަރަކާތްތަކަކާ، މަސައްކަތްތަކެއް ކުރެވިފައިވާކަން ޝަމާލް ފާހަގަ ކުރެއްވިއެވެ. އޭގެތެރޭގައި ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމާ، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާ މުދާ ސަލާމަތް ކުރުމުގައި ދޭ ޚިދުމަތް ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ އަމާޒަކީ އަދި އިސްތިރާޖީ ތަސައްވުރަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި މިނިސްޓަރު މާރިޔާ ދީދީގެ ވިސްނުންފުޅާ، ލަފާފުޅާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ގައުމީ ދިފާއީ ބާރު ވެގެންދިޔުން ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތްތަކަކީ ރައްޔިތުންނާ ކުރާ އެންގޭޖްމަންޓް އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ވިޝަން،" ޝަމާލް ވިދާޅުވިއެެވެ.

ޚިޠާބު ނިންމާލައްވަމުން އޭނާވަނީ ގައުމީ ދިފާއީ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކުގައިކަމަށް ވިދާޅުވެ، އެކަމުގެ ޔަގީންކަން އަރުވާފައެވެ.

ސިފައިންގެ ދުވަހާ ގުޅުގެން މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.

comment ކޮމެންޓް