މާރިޔާގެ އިލްތިމާސް: އަސްކަރިއްޔާގެ ޒާތީ ޝަހުސަށް ކިލަނބުކަމެއް އަޔަނުދޭތި

އަސްކަރިއްޔާ ޒާތީ ޝަހުސަށް ކިލަނބުކަމެއް އަޔަ ނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓައި، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތަމްރީނުވެ، ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ސިފައިން ވުމަށް ޑިފެންސް މިނިސްޓަރި މާރިޔާ ދީދީ އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ 131 ވަނަ ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރު މާރިޔާ ވަނީ ސިފައިންގެ ކުރިމަގަށާއި ތަރައްގީއަށް ކުރައްވާ ކަންކަމަށާއި ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީގައި ބެހެއްޓުމަށް ދެއްވާ ލަފާ އަށާއި އިރުޝާދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ސިފައިންގެ އެންމެ އިސް ވާޖިބާއި މަސްއޫލިއްޔަތު ހަނދާންކޮށްދެމުން މާރިޔާ ވިދާޅުވީ މިހާރު ގާނޫނުގައި ބުނާ ގޮތުން ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަގްސަދަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ އާއި ރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތް ކުރުން ކަމަށެވެ.

"މީގެ އިތުރުން ސިފައިންގެ ކޯޑް އޮފް އެތިކްސްގެ މައިގަނޑު އަސާސުތައް ވެސް މި ފުރުސަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެ އަސާސުތަކުގައި ވަނީ އިސްލާމީ އަގީދާގައި ސާބިތިވެ ތިބުން. ގައުމީ ޚިދުމަތުގައި ނަފުސަށްވުރެ ދިވެހި ގައުމު އިސްކުރުން، ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވުން،" އޭނާ ވިދާޅުވިއެވެ.

ދެހާސް އަށް ވަނަ އަހަރު މަލްޓި ޕާޓީ ޑިމަކްރޮޓިކް ނިޒާމެއް ތައާރަފުކޮށް، ޑިމަކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރި ފަހުން، ފާއިތުވެ ދިޔަ ހަތަރު އަހަރާއި ފަސް މަހަށްވުރެ، ހަމަޖެހުމާއި ސުލްހަ މަސްލަސްކަން ގާއިމުވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ހަތަރު އަހަރު މި ސަރުކާރުން ހާސިލްކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ރައްޔިތުން ދެކޭ ހަމަޖެހުމާއި އަމާންކަން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކު ވެސް ތަރައްގީގެ ދުވެލީގައި އަސްކަރީ ދާއިރާވެސް ހިމެނޭހެން ރާއްޖެ މިއަދު ދެކެމުން މި ދަނީ މީގެ ކުރިން ދެކެފައިނުވާ ފަދަ ހިތްހަމަ ޖެހޭ ދުވަސްތަކެއް ކަމަށެވެ.

"ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި އެއްވެސް ރައްޔިތަކު ބާކީ ނުވާނެހެން ތަރައްގީގެ ކަންކަމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ކާމިޔާބީ އާއި ފޮނި މީރުކަން ކުދި ބޮޑު ހުރިހާ ދިވެހި ރައްޔިތުން އެދެނީ ތަޖުރިބާ ކުރަމުން. އެކަމުގެ އުފާ އިހުސާސުކުރަމުން، އަސްކަރީ އެކިއެކި، ހަރަކާތްތައް، އެއީ ސިފައިންގެ ޝަރަފުގެ ހިނގާލުމާއި އަސްކަރިއްޔާއިން ހިންގާ އެކި ޕްރޮގްރާމުތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށް ފުޅާވެގެން މިއަދު ގޮސްފައިވާ ކަމަކީ ވެސް މިދެންނެވި ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން ގެންނަމުންދާ ބަދަލުތައް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މާޒީން އިބްރަތް ހާސިލުކޮށް، އަދުގެ ހާލަތް ވަޒަން ކުރަމުން، ކުރިމަގަށް ކަންކަން ރޭވުމަށް މަގުދައްކާ ދަންމަރެއްގެ ގޮތުގައި ކޮންމެ އަހަރަކަށް ވެސް ސިފައިންގެ ޝިއާރެއް ކަނޑައެޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަހަރުގެ ޝިއާރަކީ "ސިފައިންގެ ބަދަހިކަން، ގައުމުގެ ހަމަޖެހުން" ކަމަށެވެ.

މި ޝިއާރުން ހަނދާން ކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބް އެންމެ ރަނގަޅު ގޮތުގައި އަދާކުރެވޭނީ ސިފައިންގެ ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އަހަރު ސިފައިންގެ ތައްޔާރީތަކާއި ތަމްރީނުތަކާއި ހަރަކާތްތަކަށް މަގުދައްކައިދޭ ވަސީލަތަކަށް މި ޝިއާރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު މާރިޔާގެ ހިޠާބުގައި ފާހަގަކުރެއްވިއެވެ.

ސިފައިންގެ ދުވަހާ ގުޅުގެން މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާ ކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޭޕުރީލް މަހުގެ 21 ވަނަ ދުވަހެވެ.

comment ކޮމެންޓް