ޔުނައިޓެޑު ކަޓުވާލުމަށްފަހު ސެވިއްޔާ ސެމީއަށް

ގޯލު ޖެހުމަށްފަހު ނެސީރީ އުފާ ފާޅުކުރަނީ----

ޔޫރޮޕާ ލީގުގައި އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑު ކަޓުވާލުމަށްފަހު ސެވިއްޔާއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެވިއްޔާއިން ޔޫރޮޕާ ލީގު ސެމީއަށް ގޮސްފައިވަނީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުނައިޓެޑު ބަލިކޮށްގެންނެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެެޑުން ދެ ގޯލު ޖަހައިފައި ވަނިކޮށް ފަހުވަގުތު ސެވިއްޔާއިން ވަނީ ދެ ގޯލު ޖަހައި 2-2 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްފައެވެ.

މީގެ އިތުރުން ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު ކުއާޓާގެ ދެވަނަ ލެގުގެ މެޗުގައި ސެވިއްޔާއިން ވަނީ 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑު ބަލިކޮށްފައެވެ.

ރޭގެ މެޗުގެ ވަރަށް ކުރީ ކޮޅު ސެވިއްޔާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ މެޗުގެ އަށް ވަނަ މިނެޓުގައި އެރިކް ލަމޭލާ ތަނަވަސްކުރި ފުރުސަތަކުން ޔޫސެފް އެންނެސީރީ ކާމިޔާބުކުރި ގޯލެކެވެ.

ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ސެވިއްޔާގެ އިވާން ރަކެޓިޗް ނެގި ކޯނަރަކަށް އަރައި ބޮލުން އެ ގޯލު ޖެހީ ލޮއިކް ބަޑޭއެވެ.

އެ ނަތީޖާއަކުން މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑުގެ އޭރިއަ ބޭރުން އެ ޓީމުގެ ކީޕަރު ޑެވިޑް ޑެހެއާ ހެދި ގޯހެއްގެ ފައިދާ ނަގައިގެން އެ ގޯލު ޖެހީ ނެސީރީއެވެ.

ސެވިއްޔާއަށް ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގައެއް ލިބިފައިވާއިރު ސެމީގެ މެޗުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ޔުވެންޓަސްއާއެވެ.

comment ކޮމެންޓް